ވީއޭއެމްގެ އެކްސްޓްރާއޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ވީއޭއެމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ، އާ ހިންގާ ގަވާއިދުގައިވާ މުއްދަތުގެ ތެރޭގައި އާ އިންތިޚާބެއް ބާއްވާފައިނުވާތީ އެ ކަމަށް މެންބަރު ކްލަބުތަކުން ގޮވާލާފައިވަނިކޮށެވެ.

ވީއޭއެމުން މެންބަރު ކްލަބުތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މެންބަރު ކްލަބުތަކުން ގޮވާލާފައިވާތީ އަންނަ ހުކުރު ދުވަހު ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި, މި މަހުގެ ތިންވަނަ ދުވަހު ބޭއްވި އާންމު ބައްދަލުވުމުގައި ފާސްކުރި އާ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރެވިފައިނުވާކަން ވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ވީއޭއެމްގެ އާންމު ބައްދަލުވުމަކީ ތިން އަހަރުގެ ތެރޭގައި ވީއޭއެމުން ބޭއްވި ފުރަތަަމަ ބައްދަލުވުމެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ފާސްކުރި އާ ހިންގާ ގަވާއިދުގެ ދަށުން ވީއޭއެމުން ދިހަ ދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީގެ އިންތިޚާބެއް ބާއްވަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ހިންގާ ގަވާއިދާ އެއްގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިނުވާތީ ވީއޭއެމްގައި މިހާރު އޮތް ހިންގާ ކޮމިޓީއަށް ވަނީ ގިނަ ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މެންބަރު ކްލަބުތަކުން ބައިވެރިވެގެން ހިންގާ ކޮމިޓީ ބަދަލުކުރުމަށް ހިންގާ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ ވެސް އެ ފާޑުކިޔުންތަކުގެ ތެރެއިންނެވެ.

comment ކޮމެންޓް