8 އަހަރު ކުރިން ޝުމްބާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ނިންމައިފި

ޝުންބާ އަދި ކުރީގެ ނައުބު ރައީސް އަހުމަދު އަދީބު --

ސްރީލަންކާގައި ހުއްޓާ، މީގެ އަށް އަހަރު ކުރިން ހައްޔަރު ކުރި ޅ. ހިންނަވަރު، ނައިލޯނުގެ، އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)، ހައްޔަރުކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމައިފިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ސެޕްޓެންބަރު 13 ވަނަ ދުވަހު އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުނު މި މައްސަލައާ ގުޅިގެން އެ އޮފީހުން ނިންމާފައި ވަނީ، ޝުމްބާގެ ކިބައިން ދައުލަތުން މަޢާފަށް އެދެން ޖެހޭ ކަމަށާއި މާލީ ބަދަލެއް ވެސް ދޭން ޖެހޭ ކަމަށެވެ.

ނަމަވެސް މާލީ ގޮތުން އޭނާއަށް ދިނުމަށް އަންގާ ފައިސާގެ ތަފުސީލު ލިބިފައެއް ނުވެއެވެ.

އެ މައްސަލަ ޝުމްބާގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ. މުހުތާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ހުށަހެޅީ ޝުމްބާ ލަންކާގައި ހުއްޓާ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާތީއެވެ. އަދި، ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފުސާނީ ގޮތުން ލިބުނު އަނިޔާއަށް ބަދަލު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖުމްލަ 11 ފަރާތެއްގެ މައްސަލަ ބަލައިދިނުމަށް ޝުމްބާ ވަނީ އެ އޮފީހަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ މެދު ވެސް ފިޔަވަޅު އެޅުމަށް މައްސަލައިގައި އެދިފައިވެއެވެ.

https://sun.mv/121372

މި މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ އެހެން ބައެއް ފަރާތްތަކާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް އެދި 2019ވަނަ އަހަރު ޝުމްބާ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

comment ކޮމެންޓް