އޭޓީޕީ ފައިނަލްސްގައި އަލްކަރާޒް އަތުން ޒްވަރޭވް ބަލިވެއްޖެ

ޒްވަރޭވް މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ފަހު ދެ ސެޓު ކާމިޔާބުކޮށްގެން --- ފޮޓޯ/ އަޝާގް އަލް އަވްސަތު

އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒާ ވާދަކޮށް، ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވް މެޗު ކާމިޔާބުކޮށްފިއެވެ.

ނިމުނު 2018 އަދި 2021 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޒްވަރޭވް މި މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި ދެ ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 6-6 އިން އެއްވަރުވެ، ޓައިބްރެކަކަށް ގޮސް އަލްކަރާޒް ކާމިޔާބުކުރީ 1-7 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓް ޒްވަރޭވް ވަނީ 6-3 އިން ކާމިޔާބުކޮށް މެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. ފަހު ސެޓް ޒްވަރޭވް ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ.

މިއީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ފަހުން ޖެހިޖެހިގެން ތިން މެޗުން އަލްކަރާޒް ބަލިވި ފުރަތަމަ ފަހަރެވެ. އޭރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރޭގައި ވެސް ނުހިމެނޭ ކުޅުންތެރިއެކެވެ.

އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރި ނުވެވުނު އަލްކަރާޒް ފަހަކަށް އައިސް އަނެއްކާ ވެސް އުޅެނީ އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިގެންނެވެ. މިގޮތުން ފައިތިލަ އާއި ބުރަކައްޓަށް މިދިޔަ މަހު ވަނީ އަނިޔާވެފައެވެ. އަދި، އެންމެ ފަހުން ބޭއްވި ޕެރިސް މާސްޓާސްގެ ވެސް ފުރަތަމަ ބުރުން ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި ރައުންޑް ރޮބިން ރެޑް ގްރޫޕްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއި ރަޝިއާގެ އަންޑްރޭ ރުބްލޭވް ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކުރީ މެޑްވެޑޭވެވެ. މެޗުގެ ސެޓްތައް މެޑްވެޑޭވް ކާމިޔާބުކޮށްފައިވަނީ 6-4 އަދި 6-2 އިންނެވެ.

އޭޓީޕީ ފައިނަލްސް އަކީ ކޮންމެ ސީޒަނެއް ނިމުން ފާހަގަ ކުރުމުގެ ގޮތުން އެންމެ މޮޅު އަށް ފިރިހެން ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތެކެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މި ވަގުތު ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗެވެ.

comment ކޮމެންޓް