ޔޫނިއަން ބާލިން ބަލިކޮށް، ލެވަކޫސަން ޖަރުމަނު ލީގުގެ އެއްވަނައަށް

ލެވަކޫސެންގެ ކުޅުންތެރިން ލަނޑެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ ފްލޭޝްސްކޯ ޑޮޓް ކޮމް

ޖަރުމަނު ބުންޑަސްލީގާގައި އެފްސީ ޔޫނިއަން ބާލިންއާ ދެކޮޅަށް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބަޔާ ލެވާކޫސަންއިން ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާ އެކު 4-0 އިންނެވެ. ލެވަކޫސެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް ލެވަކޫސެންއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު އެ ޓީމަށް ނަގައިދިނީ އެލެކްސް ގްރިމަލްޑޯއެވެ. އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ޖަހައިދިނީ އޮޑިލޯން ކޮސޮއުނޯއެވެ. މެޗުގައި ލެވަކޫސެންގެ ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޖޮނަތަން ޓާ ޖަހައިދިން އިރު، ފަހު ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ޖަހައިދިނީ ނޭތަން ޓެލާއެވެ.

މި ކާމިޔާބީއާ އެކު ލެވަކޫސެން މިހާރު ވަނީ މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވަ 31 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައަށް އަނެއްކާ ވެސް އަރައިފައެވެ.

ލެވަކޫސެންއަށް މި ސީޒަންގައި ބުންޑަސްލީގާގައި ގެއްލިފައިވަނީ އެއް މެޗު އެއްވަރު ވުމުން ގެއްލިނު ދެ ޕޮއިންޓެވެ. ޒަބީ އަލޮންސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ލެވަކޫސެން ވަނީ 2015-2016 ވަނަ އަހަރުގެ ސީޒަންގައި ޕެޕް ގާޑިއޯލާގެ ބެލުމުގެ ދަށުން ބަޔޭން މިޔުނިކުން ހަދައިފާވާ ރިކޯޑައި އަރައި ހަމަކޮށްފައެވެ. އަދި، ދެން ކުޅޭ މެޗު ކަމިޔާބުކޮށްފިނަމަ އެ ޓީމަށް ބުންޑަސްލީގާގައި އާ ރިކޯޑެއް ގާއިމު ކުރެވިގެންދާނެއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަލޮންސޯ ބުނީ އޭނާގެ ޓީމު މި ސީޒަންގައި ހޯދަމުންދާ ކާމިޔާބީއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ސީޒަންގެ ބޮޑު ބައި އަދި ބާކީ އޮތުމުން ކޮންމެ ގޮތަކަށް ވެސް ކަންތައްތައް ވެގެން ހިނގައިދާނެ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލެވަކޫންސެންގެ ކޯޗު ކަމާއި ހަވާލުވި އަލޮންސޯގެ ކޯޗުކަމުގެ ދަށުން އެ ޓީމުން އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުން ބަލިވުމުން ޔޫނިއަން ބާލިން މިހާރު އުޅެނީ ހަ ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް