މެޓާއިން ޓްވިޓާއާ ވާދައަށް ތަޢާރަފުކުރި އެންމެފަހުގެ ޕްލެޓްފޯމް ތްރެޑްސްގައި ކުރާ ޕޯސްޓްތައް، އިންސްޓާގްރާމާއި، ފޭސްބުކަށް ނުދާގޮތް މިހާރު ހެދޭނެއެވެ.
މެޓާގެ ތްރެޑްސް އެޕްލިކޭޝަނަށް އާ ޕްރައިވެސީ ސެޓިންއެއް ތައާރަފުކޮށް، ޔޫޒަރުން ބޭނުން ނޫންނަމަ ފޭސްބުކް އަދި އިންސްޓަގްރާމް ފީޑްތަކުގައި ތްރެޑްސްގެ ޕޯސްޓްތައް ޝެއާ ނުވާގޮތަށް ހެދީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް މެޓާއިން ބުނެއެވެ.
މެޓާއިން މި ބަދަލު ގެނެސްފައިވަނީ އެ ކުންފުނީގެ އެހެން ޕްލެޓްފޯމްތަކުގައި، ޔޫޒަރުންގެ ރުހުމަކާ ނުލައި އޮޓޮމެޓިކުން ތްރެޑްސް ކޮންޓެންޓް ސާފޭސް ކުރުމުން ގިނަ ބައެއްގެ ނުރުހުން މެޓާއަށް ލިބުމާ ގުޅިގެންނެވެ. މިދިޔަ އަހަރު މެޓާއިން އަލަށް ތައާރަފުކުރި ތްރެޑްސް އެޕްލިކޭޝަނުގައި މި ފީޗާ އެންމެ ފުރަތަމަ ތަންފީޒު ކުރަން ފެށީ ތްރެޑްސްއަށް ޔޫޒަރުން އިތުރު ކުރުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޭސްބުކް އަދި އިންސްޓަގްރާމްގައި އެކައުންޓް ލިންކް ނުކުރާ މީހުންނަށް ވެސް ތްރެޑްސް ޕޯސްޓްތައް އޭރު ރެކޮމެންޑް ކުރަމުން ދިޔައެވެ. އެކަމަކު، މެޓާއިން މިހާރު ވަނީ ކްރޮސް-އެޕް ހުށަހެޅުންތައް ޑިސެބަލް ކޮށްދޭ "އެހެން އެޕްލިކޭޝަންތަކުގައި ޕޯސްޓްތައް ހުށަހެޅުން" ގެ ދަށުން ޓޮގަލްއެއް ނުވަތަ އިތުުރު އޮޕްޝަންއެއް ހިމަނާފައެވެ.
ފޭސްބުކާއި އިންސްޓަގްރާމަށް، ތްރެޑްސްގެ ޕޯސްޓްތައް ޝެއާކުރަން ބޭނުންނުވާ ނަމަ އެފީޗާގައިވާ ބޮކްސްގައި އަންޗެކް ކުރުމުން ތްރެޑްސް ކޮންޓެންޓް މިހާރު އެހެން އެޕްލިކޭޝަންތަކަށް ނުދާނެއެވެ. މި ސެޓިންގެ ސަބަބުން ޔޫޒަރުންގެ ޕްރައިވެސީއަށް އިތުރު ކޮންޓްރޯލެއް ލިބިގެންދެއެވެ.
މެޓާއިން އުއްމީދު ކުރަނީ މަހަކު އެއް ބިލިއަން އެކްޓިވް ޔޫޒަރުންނާ އެކު ތްރެޑްސް އަކީ އެ ކުންފުނީގެ ކުރިއަށް އޮތް އިޖުތިމާއީ އެޕްލިކޭޝަނަކަށް ވެގެންދާނެ ކަމަށެވެ. ސީއީއޯ މާކް ޒަކަބާގް ވިދާޅުވި ގޮތުގައި ތްރެޑްސްގައި މިހާރު މަހަކު ގާތްގަނޑަކަށް 100 މިލިއަން އެކްޓިވް ޔޫޒަރުން އެބަތިއްބެވެ.
ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ތްރެޑްސް ކޮންޓެންޓަށް އިތުރު ލުއިފަސޭހަކަމެއް ދީގެން މެޓާގެ އަމާޒަކީ ޑިޖިޓަލް ފުޓްޕްރިންޓްގެ މައްޗަށް މީހުންނަށް އިޚްތިޔާރު ދީ، ޕްލެޓްފޯމް ކުރިއަށް ގެންދިއުމެވެ. މި ބަދަލުން ދައްކުވައިދެނީ ޕްރައިވެސީ ޑިމާންޑްތައް ފުޅާކުރުމުގެ ލަނޑުދަނޑިތަކާ ބެލެންސް ކުރުމަށް މެޓާއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.
ތްރެޑްސްގެ މި އާ އޮޕްޝަން މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ތްރެޑްސްގެ އެންމެ ފަހުގެ ވާޝަންގައި ލިބެން ހުންނާނެއެވެ.