ދުވަސްތަކަކަށްފަހު އުރުގުއާއީ ގައުމީ ޓީމުގެ ސްކޮޑުން ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒަށް ފުރުސަތު ދީފިއެވެ.
މިއަހަރުގެ މެއި މަހު އުރުގުއާއީގެ ޓީމާ މާސެލޯ ބިއެލްސާ ހަވާލުވި ފަހުން މިއީ ސުއަރޭޒް ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕަށްފަހު ވެސް މިއީ އޭނާއަށް ސްކޮޑުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
އުރުގުއާއީގެ ސްކޮޑަށް އުމުރުން 36 އަހަރުގެ ސުއަރޭޒް ނެގުމާއެކު ބާސެލޯނާގައި އެކުގައި ކުޅުނު އާޖެންޓީނާ ތަރި ލިއޮނެލް މެސީއާ ދެކޮޅަށް ނުކުންނަތަން ފެނިގެންދާނެއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ހުކުރު ދުވަހު އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، މިމަހުގެ 22 ވަނަ ދުވަހު އުރުގުއާއީ އިން ބޮލީވިއާއާ ދެކޮޅަށް ވެސް ނުކުންނާނެއެވެ.
ބްރެޒިލް ގްރެމިއޯއަށް ކުޅެމުންދާ ސުއަރޭޒް ދަނީ އަނިޔާގެ އުނދަގޫ ހާލަތަކުން ސަލާމަތްވެ، އެ ކްލަބަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބްރެޒިލް ލީގުގައި މިހާތަނަށް ސުއަރޭޒް 14 ގޯލު ކާމިޔާބުކޮށްފައިވާ އިރު، ގްރެމިއޯ އިން ދަނީ ލީގު ޗެމްޕިއަންކަމަށް ވާދަކުރަމުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޕްލްމޭރަސް އާއި ތިންވަނައިގައި އޮތް ގްރެމިއޯއާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ގްރެމިއޯއަށް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.
މިސީޒަނަށްފަހު ގްރެމިއޯ ދޫކޮށް، މެސީއާއެކު ކުޅުމަށް އެމެރިކާގެ އިންޓަ މަޔާމީއާ ސުއަރޭޒް ގުޅެން އުޅޭ ކަމަށް ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް އެކަމަށް ރަސްމީކޮށް އެއްވެސް މަސައްކަތެއް އަދި ނުކުރެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީގެ ފެށުން ރަނގަޅެވެ. އެގޮތުން މިހާތަނަށް އުރުގުއާއީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ, އެއް މެޗުން ބަލިވެ އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ދެކުނު އެމެރިކާ ކޮލިފައިން ތާވަލުގެ ދެވަނައިގައި އުރުގުއާއީ އޮތް އިރު, އެއްވަނައިގައި އޮތް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެވެ. އާޖެންޓިނާ އާއި އުރުގުއާއީއާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.