މެޗަކުން ބަލިނުވެ އިންޑިއާއިން ގްރޫޕް ސްޓޭޖް ނިންމާލައިފި

ނެދަލަންޑްސްއާ ދެކޮޅަށް ސައްތަ ހެދި ޝްރެޔާސް އާއި ރާހުލް / ފޮޓޯ: ބީޖޭ ސްޕޯޓްސް

އިންޑިއާއިން އެ ގައުމުގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް، މެޗަކުން ބަލިނުވެ ނިންމާލައިފިއެވެ.

އިންޑިއާގެ ޓީމު ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ނުވަ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމު އެންމެ ފަހުން ރޭ ނެދަލަންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 160 ލަނޑުންނެވެ. ބެންގަލޯގައި ކުޅުނު މި މެޗުގައި ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ.

އެ ޓީމުން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 410 ލަނޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 128 ލަނޑު ހަދައިދިން ޝްރެޔާސް އަޔަރުއެވެ. އަދި، ކޭއެލް ރާހުލް ވަނީ 108 ލަނޑު ހަދައިދިފައެވެ. މީގެ އިތުރުން ކެޕްޓަން ރޯހިތު ޝަރްމާ 61 ލަނޑު ހަދައިދިން އިރު، ވިރާތު ކޯލީ އާއި ޝުބްމަން ގިލް ވަނީ 51 ލަނޑު ކޮންމެ ކުޅުންތެރިޔަކު ހަދައިފައެވެ.

މި އީނިންގްސްގައި ނެދަލަންޑްސް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 82 ލަނޑަށް ދެ ވިކެޓް ނަގައިދިން ބާސް ޑެ ލީޑެއެވެ.

ޖަވާބުގައި ނެދަލަންޑްސްއިން ކުޅެން އަރައި 47 އޯވަރު ފަސް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނި 250 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 54 ލަނޑު ހަދައިދިން ތޭޖާ ނިދަމަނޫރޫއެވެ. މީގެ އިތުރުން އެސްއޭ އެންގެލްބްރެކްޓް ވަނީ 45 ލަޏޑު ހަދައިދިފައެވެ.

މި އީނިންގްސްގައި އިންޑިއާގެ ހަތަރު ކުޅުންތެރިންވަނީ ދެ ވިކެޓް ނަގައިދީފައެވެ.

މި ކާމިޔާބީއާ އެކު އިންޑިއާއިން މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ނިންމައިލީ ނުވަ މެޗު ވެސް ކާމިޔާބުކޮށް ލިބުނު 18 ޕޮއިންޓާ އެކު ތާވަލްގެ އެއްވަނައިގައި އޮވެގެންނެވެ. ސެމީފައިނަލްގެ ފުރަތަމަ ޖާގަ ވެސް ކަށަވަރު ކުރީ އެ ޓީމުންނެވެ.

ސެމީ ފައިނަލްގައި އަންނަ ބުދަ ދުވަހު އިންޑިއާއިން ނުކުންނާނީ ނިއުޒީލަންޑާ ދެކޮޅަށެވެ.

ނެދަލަންޑްސްއިން މި ފަހަރުގެ ވޯލްޑް ކަޕް ނިންމައިލީ 10 ޓީމު ވާދަކުރި މި މުބާރާތުގެ އެންމެ ފުލުގައި އޮވެގެންނެވެ.

comment ކޮމެންޓް