އިސްރާއީލުގެ އަސްކަރިއްޔާއަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައެޅުމަށް މުސްލިމް ގައުމުތަކަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ އިސްލާމީ ގޮވައިލައްވައިފިއެވެ.
އަހްރަމް އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސީ މިގޮތަށް ގޮވައިލައްވައި ވަނީ ސައުދީގެ ވެރިރަށް ރިޔާދުގައި ހޮނިހިރު ދުވަހު ބޭއްވި އަރަބި އަދި މުސްލިމް ލީޑަރުންގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޔަހޫދީން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނެވޭނެ ގޮތްތަކެއް ހޯދުމެވެ. އަދި، ޒަޚަމްކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ފަރުވާ ދެވޭނެ ގޮތްތަކެއް ހޯދައި، ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުތައް ހޯދުމެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޖަރީމާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 11,078 އަށް އަރާފައެވެ.
ސައުދީއާއި އީރާނާއި ދެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރި ފަހުން ސައުދީއަށް ރިޔާސީ ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އޭނާ ވަނީ އިސްރާއީލާ އެކު ގުޅުން ބާއްވަމުންދާ ގައުމުތަކުން އެ ގުޅުން ކަނޑާލުމަށް އިލްތިމާސް ކުރައްވައި ފަލަސްތީނަށް ތާއީދު ކުރުމަށް ގޮވާލައްވާފައެވެ. އީރާނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ.
ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަށް ވާގިވެރިވާ އީރާނުން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާއިން ކަމަށް ތުހުމަތުކޮށްފައެވެ.
ރައީސީގެ އިތުރުން އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވި ބައެއް އެހެން ބޭފުޅުންގެ ތެރޭގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް، ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު، ލުބުނާނުގެ ބޮޑުވަޒީރު ކަމުގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ނަޖީބް މީޤާތީ، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ އިތުރުން އަރަބި ލީގާއި އޯއައިސީގެ މެންބަރު ޤައުމުތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.