ބޮލީވުޑްގެ ކުރީގެ ފިލްމީ ތަރި ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.
މީގެކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ދެމަފިރިންގެ މި ފަހަރުގެ ދަތުރަކީ އަލަތު ދަރިފުޅު ދޭވީގެ ފުރަތަމަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރި ދަތުރެކެވެ.
ރާއްޖޭގެ ހިތްގައިމު ރިސޯޓެއް ކަމަށްވާ ރެޑިސަން ބްލޫ ރިސޯޓު މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް ބިޕާޝާގެ އަމިއްލަ އިންސްޓަގްރާމްގައި ހާމަކޮށްފައި ވާއިރު ދަރިފުޅާއެކު ނަގާފައިވާ ލޯތްބާއި އެއްބައިވަންތަ ކަމުން ފުރިގެންވާ ވީޑިއޯއެއް ވެސް ކުރީގެ ބަތަލާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ދާދިފަހުން ބިޕާޝާ ވަނީ ދަރިފުޅު ދޭވީ އުފަންވިއިރު ހިތުގައި ދެ ލޯވަޅު ހުރިކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން އެކަމަށް ހާއްސަ ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނެފައެވެ. މިހާތަނަށް ވެސް ދޭވީ އަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއްކަން ދައްކުވައިދިން ކަމަށް ބުނަމުން ބިޕާޝާގެ މި ތަޖުރިބާ އާއްމުންނާ ހިއްސާކުރުމާއެކު ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާއަށް ހިތްވަރުގެ ބަސްތައް ފޮނުވާފައެވެ.
ކުރީގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ، ކަރަންއާ ކައިވެނިކޮށްފައި ވަނީ ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމު "އެލޯން"އަށް ފަހު ދެ މީހުންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް ފަހުއެވެ. ޓީވީ ސީރީސް ތަކުން އާއްމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދި ކަރަން ސިންގް ގްރޯވާއާ ކައިވެނި ކުރުމަށްފަހު ބިޕާޝާ ފިލްމުތަކުން އެއްކޮށް ގެއްލުނެވެ. އެހެން ނަމަވެސް ބައެއް އިޝްތިހާރުތަކުން ދެ ތަރިން އެކީގައި ވަނީ ފެނިފައެވެ. އަދި ދާދިފަހުން މުމްބާއީގައި ކުރިޔަށްދިޔަ ލެކްމޭ ފެޝަން ވީކްގައި ބިޕާޝާ ވަނީ ސްޓޭޖްމަތީގައި ހިނގާލާފައެވެ.
ބިޕާޝާ ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރި ނަމަވެސް ކަރަން ވަނީ ބައެއް ޓީވީ ސީރީސް ތަކުން ފެނިފައެވެ. އޭގެތެރޭގައި ސްޓާ ޕްލަސްއިން ދެއްކި 'ކަސޯޓީ ޒިންދަގީކޭ" ފާހަގަކޮށްލެވެއެވެ. ކަރަން އަކީ އެކްޓަރު ރިތިކް ރޯޝަން އާއި ބަތަލާ ދިޕިކާ ޕަދުކޯން ލީޑް ރޯލް ކުޅޭ ފިލްމު "ފައިޓާ"ގެ ކާސްޓުންގެތެރޭ ހިމެނޭ ތަރިއެއްވެސް މެއެވެ.