އޮސްޓްރޭލިއާއިން ބަންގްލަދޭޝް ބަލިކޮށްފި

އޮސްޓްރޭލިއާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 7 މެޗު ވެސް ކާމިޔާބުކޮށްފައި -- ފޮޓޯ/ ބީޖީ ސްޕޯޓްސް

އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކޮށްފިއެވެ.

ޕޫނޭގައި ކުޅުނު މި މެޗު އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފައިވަނީ އަށް ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. ބަންގްލަދޭޝްއިން ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 306 ލަނޑެވެ.

މެޗުގައި ބަންގްލަދޭޝް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 74 ލަނޑު ހަދައިދިން ތައުހީދު ހިރިޑޯއީއެވެ. މީގެ އިތުރުން މެޗުގައި ބަންގްލަދޭޝް ޓީމުގެ ކެޕްޓަން ކުރި ނަޖްމުލް ހުސެއިން ޝަންޓޯ ވަނީ 45 ލަނޑު ހަދައިދީފައެވެ. މި އީނިންގްސްގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ދެ ވިކެޓު ނަގައިދިން ދެ ކުޅުންތެރިން ކަމަށްވާ ސޯން އެބޮޓް އަދި އެޑަމް ޒަމްޕާއެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރައި 44 އޯވަރު ހަތަރު ބޯޅައަށް ދެ ކުޅުންތެރިން ނުބައިވެގެން 307 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ.

މެޗުގައި އޮސްޓްރޭލިއާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ، 177 ލަނޑު ހަދައިދިން މިޝޭލް މާޝްއެވެ. މީގެ އިތުރުން ސްޓީވެން ސްމިތު ނުބައިނުވެ 63 ލަނޑު ހަދައިދިން އިރު ޑޭވިޑް ވޯނާ ވަނީ 53 ލަނޑު ހަދައިދީފައެވެ. ބަންގްލަދޭޝް ޓީމުގެ ދެ ވިކެޓް ނަގައިދިނީ ޓަކްސިން އަހްމަދާއި މުސްތަފިޒުރު ތަހްމާނެވެ.

މި ކާމީޔާބީއާ އެކު އޮސްޓްރޭލިއާއިން މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް މަރުހަލާ ނިންމާލައިފައިވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކޮށް 14 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައި އޮވެގެންނެވެ.

އަންނަ ބުރާސްފަތި ދުވަހު އޮސްޓްރޭލިއާ ނުކުންނާނީ ސެމީފައިނަލްގައި ދެކުނު އެފްރިކާއާއި ދެކޮޅަށެވެ. ބަންގްލަދޭޝް މި ފަހަރުގެ ވޯލްޑް ކަޕް ނިންމާލައިފައިވަނީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ އަށްވަނައިގައި އޮވެގެންނެވެ.

comment ކޮމެންޓް