މިއަހަރުގެ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުން ވެސް ރާއްޖޭގެ އަޒްނީން ރަޝާދު ރަން މެޑަލްއެއް ހޯދައިފިއެވެ.
އަޒްނީން ވަނީ މިދިޔަ އަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވެސް ރަން މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މިދިޔަ އަހަރު އޭނާއަކީ އޭޝިއާގެ މުބާރާތުން ވެސް ރަން މެޑަލް ހޯދި އެތުލީޓެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ދެކުނު ކޮރެއާގައި މިއަހަރު ބޭއްވި ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ވެސް އަޒްނީން ރަން މެޑަލް ހޯދާފައިވަނީ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރުގެ ކެޓަގަރީންނެވެ.
އަޒްނީންގެ އިތުރުން މިއަހަރުގެ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާންބެ) އާއި އަބްދުﷲ އަހުސަން ވެސް ވަނީ މުބާރާތުގައި މެޑަލް ހޯދައިފައެވެ. މުބާރާތުގައި ޔާމްބެ 85 ކިލޯގެ ކެޓަގަރީން ލޯ މެޑަލް ހޯދި އިރު، އަހުސަން ވަނީ އެތުލެޓިކް ފިޒީކް 167 ސެންޓިމީޓަރުގެ ކެޓަގަރީން ލޯ މެޑަލް ހޯދައިފައެވެ. އަދި ރާއްޖޭގެ ފަތުހުﷲ މުހައްމަދު ވަނީ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ކެޓަގަރީން ފަސްވަނަ ހޯދައިފައެވެ.
ޔާމްބެ ވަނީ މިދިޔަ އަހަރުގެ ބޮޑީބިލްޑިން މުބާރާތުގައި ވެސް މެޑަލްއެއް ހޯދައިފައެވެ. އެފަހަރު ޔާމްބެ ލޯ މެޑަލް ހޯދީ ސުޕަ 90 ކިލޯގެ ކެޓަގަރީންނެވެ.