މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ގްރެމީ އެވޯޑްސްގެ ނޯމިނޭޝަން އިއުލާނު ކޮށްފިއެވެ.
މިފަހަރުގެ ގްރެމީ އެވޯޑްސްގެ އެވޯޑްތަކުގެ އެކި ކެޓަގަރީއިން އެންމެ ގިނަ ނޯމިނޭޝަން ހޯދާފައިވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އާރުއެންބީ ލަވަކިޔުންތެރިޔާ ސިޒާއެވެ.
ސިޒާ ވަނީ އަންނަ އަހަރުގެ ގްރެމީ އެވޯޑްސްގެ ނުވަ ކެޓަގަރީއަކަށް ނޯމިނޭޓް ވެފައެވެ. އޭގެތެރޭގައި އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ އަހަރުގެ ރެކޯޑުގެ އެވޯޑާއި އަލްބަމްގެ އެވޯޑުގެ އިތުރުން އެންމެ ބޮޑު ސިންގަލްގެ އެވޯޑު ވެސް ހިމެނެއެވެ.
ސިޒާގެ އަލްބަމް "އެސްއޯއެސް" އާއެކު ސީޒާ ގިނަ އެވޯޑުތަކަކަށް ނޯމިނޭޓް ވެފައިވާއިރު އެ އަލްބަމުގައި ހިމެނޭ "ގުޑް ޑޭސް" ވަނީ އަހަރުގެ ސިންގަލްގެ ގޮތުގައި ނޮމިނޭޓް ވެފައެވެ.
މިހާތަނަށް ގްރެމީ އެވޯޑްތަކުގެ ތެރެއިން 14 ފަހަރަކު ސިޒާ ނޯމިނޭޓް ވެފައިވާއިރު އޭނާ އަށް ވަނީ އެއް އެވޯޑު ވެސް ލިބިފައެވެ. އެއީ ސިޒާ އާއި ޑޯޖާ ކެޓް ކޮލެބޮރޭޓް ކޮށްފައިވާ ސިންގަލް "ކިސް މީ މޯ" އަށެވެ.
މިފަހަރުގެ ގްރެމީ އެވޯޑްސްގެ ދެވަނައަށް އެންމެ ގިނަ އެވޯޑަށް ނޯމިނޭޓް ވެފައިވަނީ ޕޮޕް ޕަވާހައުސް ޓޭލާ ސްވިފްޓެވެ. ސިޒާ ވާދަކުރާ ބޮޑެތި އެވޯޑުތަކަށް ޓޭލާ ވެސް ވާދަ ކުރާނެއެވެ.
ލިސްޓުގެ ތިންވަނައިގައި ހަ ނޯމިނޭޝަނާއެކު އުޅެނީ ވެސް މަގުބޫލު އާޓިސްޓެއް ކަމަށްވާ މައިލީ ސައިރަސް އެވެ.
އަހަރުގެ ރެކޯޑާއި އަލްބަމްގެ އެވޯޑަށް ޓޭލާ އާއި ސިޒާއާ ވާދަކުރާނީ އޮލިވިއާ ރޮޑްރީގޯ އާއި މައިލީ ސައިރަސް އެވެ.
މިއަހަރުގެ އެވޯޑުގައި އެންމެ ބޮޑު އަލްބަމްގެ އެވޯޑަކީ ވާދަވެރި އެެވޯޑަކަށް ވާނެއެވެ. އަދި އެ އެވޯޑު ޓޭލާ އަށް ކާމިޔާބު ވެއްޖެ ނަމަ އޭނާ ބޮޑު ރެކޯޑެއް ކާމިޔާބު ކުރާނެއެވެ. އެއީ ހަތަރު ފަހަރަށް އެ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަންނާނަށް އޭނާ ވެގެންދާނެތީއެވެ. މިއީ މިހާތަނަށް އެކަކަށް ވެސް ލިބިފައި ނުވާ ކާމިޔާބީއެކެވެ.
އަންނަ އަހަރުގެ ގްރެމީ އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ.