މުއިއްޒުގެ ސަރުކާރުން ޒުވާނުންގެ މުސްތަޤުބަލް އުޖާލާކޮށްދޭނެ ކަމަށް އުއްމީދު ކުރަން: ސިޔާމް

އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު--- ސަން ފޮޓޯ

އަންނަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލް އުޖާލާކުމަށްޓަކައި ހަރުދަނާ އުފެއްދުންތެރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމު މުޙައްމަދު މިއަދު ވިދާޅުވެއްޖެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވާފައެވެ.

ސިޔާމް ވިދާޅުވީ ޑިމޮކްރަސީގެ ބޭނުން އެންމެ ފުރިހަމައަށް ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ޤައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންދިޔުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ފަރުދީޒިންމާ އަދާކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މުޢިއްޒުގެ ޒަޢާމަތުގައި މި ލޮބުވެތި ޤައުމަށް ހުރިހާގޮތަކުން ވެސް ކާމިޔާބީއާއި، ކުރިއެރުން މިންވަރުކުރެއްވުމަށް އެދިލައްވާކަމަށެވެ.

''އަޅުގަނޑު އުންމީދުކުރަނީ އަލަށް އެކުލަވާލެވޭ ސަރުކާރުން މިޤައުމުގެ ޒުވާނުންގެ މުސްތަޤުބަލް އުޖާލާކުމަށްޓަކައި ހަރުދަނާ އުފެއްދުންތެރި މަސައްކަތް ތަކެއް ކުރަމުން ގެންދާނެ ކަމަށް،'' ސިޔާމްގެ ޚިޠާބުގައިވެއެވެ.

ފުރަތަމަފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނީ، ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައެވެ. މިހާރު ޤާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ ބައްދަލުކުރީ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައެވެ.

comment ކޮމެންޓް