ބާސެލޯނާގެ މިޑްފީލްޑަރު ޕެޑްރީ އަދި އަލެހަންޑްރޯ ބަލްޑޭ ނުހިމަނައި، ސްޕެއިންގެ ސްކޮޑު އިއުލާންކޮށްފިއެވެ.
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ނެގި ސްކޮޑަކީ ސްޕެއިނުން ކުޅޭ ޔޫރޯ ކޮލިފައިންގެ ފަހު ދެ މެޗަށް ނެގި ސްކޮޑެވެ. މިމަހުގެ 16 ވަނަ ދުވަހު ސްޕެއިނުން ސައިޕްރަސްއާ ދެކޮޅަށް ނުކުންނަ އިރު، މިމަހުގެ 19 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ޖޯޖިއާއާ ދެކޮޅަށެވެ. ސްޕެއިނަކީ ޔޫރޯ 2024ގެ ޖާގަ ކަށަވަރުކޮށްފައިވާ ޓީމެކެވެ.
އެ މެޗުތަކަށް ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ބާސާއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޕެޑްރީ އާއި ބަލްޑޭއެވެ. އަނިޔާއަށްފަހު ޕެޑްރީ މިހާރު ކުޅުމަށް އެނބުރި އައިސްފައިވާ އިރު، އެންމެ ހައިރާންކުރަނިވި ބަދަލަކީ ސްކޮޑުގައި ބަލްޑޭ ނުހިމެނުމެވެ. ބަލްޑޭއަކީ ފާއިތުވެދިޔަ އެއް އަހަރުތެރޭ ސްޕެއިނުން ސްކޮޑު އެކުލަވާލި ކޮންމެ ފަހަރަކު އެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ޕެޑްރީ އާއި ބަލްޑޭ ނުހިމެނުނު ނަމަވެސް، ބާސާގެ އިނީގޯ މާޓިނޭޒް އާއި ގަވީ އަދި ލަމީން ޔަމާލް ވަނީ ސްކޮޑުގައި ހިމަނައިފައެވެ. އެ ދެ މެޗަށް ސްޕެއިނުން ނަގާފައިވަނީ ވަރުގަދަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެވެ.
ސްޕެއިންގެ ސްކޮޑު:
- ގޯލްކީޕަރުން: އެލެކްސް ރެމީރޯ (ރެއާލް ސޮސިއެޑާޑް)، ޑޭވިޑް ރާޔާ (އާސެނަލް)، އުނައީ ސިމޮން (އެތުލެޓިކް ބިލްބާއޯ)
- ޑިފެންޑަރުން: ޑެނީ ކާވޭހަލް (ރެއާލް މެޑްރިޑް)، އިނީގޯ މާޓިނޭޒް (ބާސެލޯނާ)، ޕައު ޓޮރޭސް (އެސްޓަން ވިލާ)، ރޮބިން ލެ ނޯމަންޑް (ރެއާލް ސޮސިއެޑާޑް)، ހޯސޭ ގަޔާ (ވެލެންސިއާ)، ޑޭވިޑް ގާސިއާ (އޮސަސޫނާ)، އެލެކްސް ގްރިމަލްޑޯ (ބަޔާ ލެވަކޫސަން)، ޖެސުސް ނަވާސް (ސެވިއްޔާ)
- މިޑްފީލްޑަރުން: މިކެލް މެރީނޯ (ރެއާލް ސޮސިއެޑާޑް)، ފަބިއަން ރުއިޒް (ޕީއެސްޖީ)، ގަވީ (ބާސެލޯނާ)، އޮއިހަން ސަންކެޓް (އެތުލެޓިކް ބިލްބާއޯ)، ރޮޑްރީ (މެންޗެސްޓާ ސިޓީ)، މާޓިން ޒުބިމެންޑީ (ރެއާލް ސޮސިއެޑާޑް)، އެލެކްސް ގާސިއާ (ޖިރޯނާ)، ރޮޑްރިގޯ ރިކޭލްމޭ (އެތުލެޓިކޯ މެޑްރިޑް)
- ފޯވަޑުން: އަލްވާރޯ މޮރާޓާ (އެތުލެޓިކޯ މެޑްރިޑް)، ފެރާން ޓޮރޭސް (ބާސެލޯނާ)، ޖޯސެލޫ (ރެއާލް މެޑްރިޑް)، ލަމީން ޔަމާލް (ބާސެލޯނާ)، ނިކޯ ވިލިއަމްސް (އެތުލެޓިކް ބިލްބާއޯ)، މިކެލް އޮޔާރްޒަބާލް (ރެއާލް ސޮސިއެޑާޑް)