އެޓޯލްސް އެފްސީގެ ފުރަތަމަ މެޗު ތޮއްޑޫގައި

އެޓޯލްސް އެފްސީގެ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ/ އެޓޯލްސް އެފްސީ

އަލަށް ފުޓުބޯޅައަށް ތައާރަފުވާ އެޓޯލްސް ފުޓުބޯޅަ ކްލަބުގެ ފުރަތަމަ މެޗު އއ. ތޮއްޑޫގައި ކުޅުމަށް ނިންމައިފިއެވެ.

އެޓޯލްސް އެފްސީގެ ފުރަތަމަ މެޗު ކުޅުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގައި ތޮއްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ. އެ މެޗުގައި އެޓޯލްސް އެފްސީ ނުކުންނާނީ ތޮއްޑޫ އެފްސީއާ ދެކޮޅަށެވެ.

ތޮއްޑޫއަކީ ދިވެހި ފުޓުބޯޅަ ތާރީހުގައި ގިނަ ތަރިންތަކެއް އުފެދިގެން އައި ރަށެކެވެ. އެގޮތުން ގައުމީ ފުޓުބޯޅަ ޓީމުގައި ވިދާލި މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އާއި މުހުތާރު ނަސީރު (ޓޫކިލޯ) ފާހަގަކޮށްލެވެއެވެ.

ޓޫކިލޯއަކީ ރާއްޖެއަށް ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯދައިދިނުމަށް 2008ގެ ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ގޯލު ފާހަގަވެގެން ގޮސްފައިވަނީ "ރަން ގޯލު"ގެ ގޮތުގައެވެ. ތޮއްޑޫ ނިޒާމް ވެސް ވަނީ ދިވެހި ފުޓުބޯޅައަށް ކާމިޔާބީ ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށް، ގައުމީ ޓީމަށް މުހިންމު ގިނަ ގޯލުތަކެއް ޖަހައިފައެވެ.

ކޯޗު އަލީ ވަހީދު (ބަލަކް)އާ އެކު އެޓޯލްސް އެފްސީން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފައެވެ. މިދިޔަ އާދީއްތަ ދުވަހު އެ ކްލަބުގެ ފަރިތަކުރުންތައް ފަށާފައިވަނީ ޓްރަޔަލްގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް ވެސް ފުރުސަތު ހުޅުވާލައިގެންނެވެ.

އެޓޯލްސް އެފްސީން ފުޓުބޯޅައަށް ތައާރަފުވުމަށް އެ ކްލަބަށް ވަނީ ބްރެޒިލްގެ ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އޭގެ ތެރޭގައި މީގެ ކުރިން ރާއްޖޭގެ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް)، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އެވަޓަން ސުއާޒޯ ސަންޓޯސް ހިމެނެއެވެ. ދެން ހިމެނެނީ ޓިޓޯ އާއި ލީނިކާއެވެ.

ބިދޭސީ ކުޅުންތެރިންގެ އިތުރުން އެޓޯލްސް އެފްސީން ވަނީ ބީޖީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން ހަމްދޫން އިސްމާއީލް (ހަމްބެ)، ކުރިން ކްލަބު ޓީނޭޖަށް ކުޅުނު އަލީ އަހުމަދު (އައްޔަ)، ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކެޕްޓަން އަލީ ޝަރީފް (ލޮނު އައްޔަ)، ބ. އޭދަފުއްޓަށް އުފަން ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދު (އަޖުއްކޮ)، ނިލަންދޫ ޓީމުގެ ކުރީގެ ކެޕްޓަން އަހުމަދު އަލީ (އައްމަޑޭ) އަދި ނިއުގެ ކުރީގެ ފޯވަޑް މުހައްމަދު ލިޔާހުގެ ސޮއި ވެސް ހޯދައިފައެވެ.

އެޓޯލްސް އެފްސީގެ ކޯޗަކަށް ހަމަޖައްސާފައިވާ އަލީ ވަހީދު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނެއްގެ ގޮތުގައި މަސައްކަތްކޮށް، އެ ކްލަބަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އޭގެ ފަހުން އޭނާ ފުޓުބޯޅައިގައި މަސައްކަތްކޮށްފައިވަނީ ކޯޗެއްގެ ގޮތުގައެވެ.

އަލީ ވަހީދުގެ ކޯޗިން ކެރިއަރު އޭނާ ފަށާފައިވަނީ 2021 ވަނަ އަހަރު އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނުންނެވެ. އެގޮތުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕް ކަމާއި ރައޫލް ޑެބުންސެން ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.

އޭގެ އިތުރުން މިދިޔަ މެއި މަހުގެ ތެރޭގައި އަލީ ވަހީދު ވަނީ ސްޕޯޓިން ލަންޑަނަށް އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ވެސް ހޯދައިދީފައެވެ. އެ ކާމިޔާބާ އެކު ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް އަލީ ވަހީދަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ ދިވެހި ކޯޗަކު ބޭރު ގައުމެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.

އެޓޯލްސް އެފްސީގައި ކޯޗު އަލީ ވަހީދުގެ އެސިސްޓަންޓަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ނިއު ރޭޑިއަންޓާ އެކު ކާމިޔާބީތަކެއް ހޯދާފައިވާ އަހުމަދު ނިޔާޒް (ނިޔާ)އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތައާރަފުކުރި އެޓޯލްސް އެފްސީގެ އަމާޒަކީ އެއް އަހަރު ތެރޭގައި ބައިނަލްއަގުވާމީ ކްލަބު ނެޓްވޯކެއް އުފައްދައި، އެޓޯލްސް އެފްސީ މެދުވެރިކޮށް، ދިވެހި ކުޅުންތެރިންނަށް ބޭރުގެ ފުޓުބޯޅައިން ފައިދާތަކެއް ހޯދައިދިނުމެވެ. އަދި، ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކްލަބުގެ ވިއުގައެއް ގާއިމުކޮށް، ކުރިއަށްއޮތް ދިހަ އަހަރު ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ވެސް ވަނީ އަމާޒު ހިފައިފައެވެ.

އެޓޯލްސް އެފްސީން ވަނީ ސައުތު ލަންޑަން ފުޓްބޯލް ނެޓްވޯކް (އެސްއެލްއެފްއެން)އާ ވެސް ގުޅިފައެވެ. އެ ޕާޓްނާޝިޕްގެ ދަށުން ކުޅުންތެރިންނާއި ކޯޗުން ބަދަލުކުރެވިގެންދާނެ ކަމަށް އެޓޯލްސް އެފްސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް