އަރުޖުން ކަޕޫރު އަދި ބޫމީ ޕެޑްނޭކަރު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ދަ ލޭޑީ ކިލާ" ރިލީޒް ކުރީ ފިލްމު ނުނިމެނީސް ކަމަށް ޑައިރެކްޓަރު އަޖޭ ބަހަލް އެއްބަސްވެއްޖެއެވެ.
މި މަހުގެ ތިންވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމުގެ ވާހަކައިގެ އޮށްޓަރު ހުރެ ފިލްމަށް ކުރިމަތިވި ނާކާމިޔާބީގެ ފަހަތުގައި މި ސަބަބު ވުން އެކަށީގެންވާ ކަމަށްވެސް ޑައިރެކްޓަރު އަޖޭ ވަނީ ބުނެފައެވެ.
ރޮމޭންޓިކް ކްރައިމް ތުރިލާ "ދަ ލޭޑީ ކިލާ" ނުނިމެނީސް ފިލްމު ސިނަމާތަކުގައި އެޅުވިކަމަށް ޑައިރެކްޓަރު އިޢުތިރާފް ވެފައިވާއިރު ފިލްމުގެ ދެ ލީޑް ތަރިން ކަމަށްވާ އަރުޖުން އާއި ބޫމީގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ބަތަލާ ތާޕްސީ ޕަންނޫ ލީޑް ރޯލު ކުޅުނު ފިލްމު "ބްލަރް"ގެ ޑައިރެކްޓަރު އަޖޭ ޔޫޓިއުބު ޗެނަލެއްގެ ކޮމެންޓް ސެކްޝަނެއްގައި ލިޔެފައިވާ ގޮތުން 117 ސޮފްޙާގެ ސްކްރީންޕްލޭގެ ތެރެއިން 30 ސޮފްޙާ ވަނީ ޝޫޓު ނުކުރެވިއެވެ. މީގެ ސަބަބުން އަރުޖުން އާއި ބޫމީގެ ވަރަށް ގިނަ މަންޒަރުތަކާ ގުޅުވައިދޭ ސައިކޮލޮޖިކަލް ބީޓް ގެއްލުނު ކަމަށް ޑައިރެކްޓަރު ވަނީ އިއުތިރާފުވެފައެވެ.
ނަމަވެސް ބައެއް މީޑިއާ ތަކުގައި އަޖޭ އާއި ފިލްމުގެ ކާސްޓުންނާ ދެމެދު ފިތުނަ އުފެދޭ ފަދަ ގޮތަށް ވާހަކަ ދައްކަމުން ދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
ޓީ-ސީރީސްއިން ގެނެސްދިން "ދަ ލޭޑީ ކިލާ"އަކީ އަރުޖުން އާއި ބޫމީގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ވަރުގަދައަށް ފެނުނު ފިލްމެކެވެ. ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމު ޕްރޮމޯޓު ކުރުމުގެ އެއްވެސް ޙަރަކާތެއް އަދި މާކެޓިންގް ކެމްޕެއިނެއް ނުބާއްވާތީ އަރުޖުން އާއި ބޫމީގެ އިތުރުން މި ފިލްމުގެ ޖުމްލަ ކާސްޓުންގެ ހިތްހަމަނުޖެހުން ޕްރޮޑަކްޝަން ހައުސްއާ މެދު އޮތް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމުގެ ވަރަށް ބޮޑު ޝެޑިއުލްއެއް އިންޑިއާގެ އުއްތަރަކަންދުގައި ޝޫޓްކުރަން ހަމަޖެހުނު ނަމަވެސް އެ ސަރަޙައްދުގެ މޫސުމް ގޯސްވުމުގެ ސަބަބުން އެ ޝެޑިއުލް އެއްކޮށް ވަނީ ކެންސަލްކޮށްފައެވެ. މި ޝެޑިއުލްއާ ނުލާ ފިލްމުގެ އެޑިޓިންގް ނިންމާލުމަށްފަހު ފިލްމު ރިލީޒް ކުރިއިރު ފިލްމުގެ ލީޑް ތަރިންނާ މާބޮޑު މަޝްވަރާއެއް ކޮށްފައިނުވާކަމަށް ވެސް ނޫސްތަކުގައި ވަނީ ބަޔާންކޮށްފައެވެ.
ޖުމްލަ 45 ކްރޯޑް ރުޕީސްއިން އުފެއްދި ފިލްމަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ އަދަދަކީ އެންމެ 38،000 ރުޕީސްއެވެ. ފިލްމު "ދަ ލޭޑީ ކިލަރ" ކައިރި މުސްތަޤްބަލެއްގައި ސްޓްރީމިންގް ޕްލެޓްފޯމަކަށް ދޫކޮށްލަން ނިންމާފައިވާއިރު އެކަމާ ބެހޭ މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.