ބޮޑެތި ކުށްވެރިންގެ ނުފޫޒުން ކުދި ކުށްވެރިން ސަލާމަތް ކުރެވޭނީ ޖަލު ނޫން އަދަބެއް ތައާރަފު ކުރެވިގެން: ސީޕީ

މާފުށީ ޖަލުގެ ޚިދުމަތަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެޖަލުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ބޮޑެތި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ކުށްވެރިންގެ ނުފޫޒުން ކުދި ކުށްތަކުގައި ޖަލަށްލާފައި ތިބޭ ކުށްވެރިން ސަލާމަތް ކުރެވޭނީ އެމީހުންނަށް ޖަލު ނޫން އަދަބެއް ތައާރަފު ކުރެވިގެން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މާފުށީ ޖަލުގެ ޚިދުމަތަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. ކޮމިޝަނަރު ވިދާޅުވީ، ޖަލުގެ އާބާދީގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުށެއް ކޮށްގެން އެއް އަހަރަށްވުރެއް ކުޑަ މުއްދަތަކަށް ޖަލަށް ގެނެސްފައިވާ މީހުންގެ ޕަސެންޓޭޖަކީ ގާތްގަނޑަކަށް 20 ޕަސަންޓު ކަމަށެވެ.

ނަމަވެސް، ޖަލުގެ އިންފްރާންސްޓްރަކްޗާ ހުންނަ ގޮތުން އެމީހުން ބައިތިއްބަން ޖެހެނީ ބޮޑެތި ކުށްކޮށްގެން ޖަލަށް ލާފައިވާ ގައިދީންނާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސީރިއަސް ކުށްކުރާ މީހުންގެ ނުފޫޒު ފެތުރި ޖަލުން ނިކުތުމަށްފަހު ވެސް އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ކުށުގެ ވެއްޓަށް ދާކަން ފާހަގަކުރެވޭކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަން މަދު ކުރެވޭނީ ކުދި ކުށް ކުރާ މީހުންނަށް ޖަލު ނޫން އަދަބެއް ތައާރަފު ކުރެވިގެން ކަމަށެވެ. އެހެންކަމުން އެމީހުން ގޭގައި ބައިތިއްބައިގެން މޮނީޓާ ކުރުމަށް، އަންނަ އަހަރުގެ ބަޖެޓުގައި އިލެކްޓްރޯނިކް ޓެގް ހިމަނާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޖަލަށް ގެންނަ ގައިދީންގެ އާބާދީ ވެސް މަދުވާނެކަން އޭނާ ފަހަގަ ކުރެއްވިއެވެ.

ގައިދީންގެ ފައިގައި ޓެގް އެޅުވުމަކީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމެކެވެ. ނަމަވެސް، މިހާރު ޓެގް އަޅުވަނީ ބޮޑެތި ކުށް ކޮށްފައި ތިބޭ ގައިދީން މުޖުތަމައުއަށް ދޫކުރާ ނަމައެވެ.

ކަރެކްޝަންސްގެ ކޮމިޝަނަރުކަމުގައި ހޭދަކުރެއްވި އަހަރުތަކަށާއި ކުރެއްވި މަސައްކަތްތަކާއި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވަނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓާ ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ޑެޕިއުޓީ ޑައިރެކްޓާ ޑެޕއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން އާއި ސީނިއާ މެނޭޖްމަންޓުން އެއްބާރުލުމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

comment ކޮމެންޓް