ޓޮލޫސް އަތުން ހިތްދަތިގޮތަކަށް ލިވަޕޫލް ބަލިވެއްޖެ

ޓޮލޫސްގެ ފަރާތުން މި މެޗުގައި ފެނިގެންގޮސްފައިވަނީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް --- ފޮޓޯ/ ދި އެމްޕަޔާ އޮފް ދި ކޮޕް

ޔުއޭފާ ޔޫރޮޕާ ލީގު ގްރޫޕް އީގައި ފްރެންޗު ލީގު އާންގެ ޓޮލޫސްއާއި އިންގްލިޝް ޕްރިމިއާ ލީގުގެ ލިވަޕޫލް ބައްދަލުކުރި މެޗު ޓޮލޫސް ކާމިޔާބު ކޮށްފިއެވެ.

ޓޮލޫސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދައިފައިވަނީ ވެސް ލިވަޕޫލުންނެވެ.

އެންމެ ފަހުން ޕްރިމިއާ ލީގުގައި ލޫޓަންއާ ކުޅެ އެއްވަރުވި މެޗުގައި ފެނުނު ފުރަތަމަ އެގާރައަށް ނުވަ ބަދަލެއް ގެނެސްގެން ޓީމު އެކުލަވައިލި މި މެޗުގައި ފެށުން ރަނގަޅުވީ ވެސް ލިވަޕޫލްގެއެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޓޮލޫސްއިން މެޗުގެ 36 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާރޮން ޑޮނުމްއެވެ.

މެޗުގެ 58 ވަނަ މިނެޓްގައި ތިޔީސް ޑަލިންގާ ޖަހައިދިން ލަނޑުން މެޗުގައި ޓޮލޫސްއިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓްގައެވެ. ނަމަވެސް މި ލަނޑަކީ ޓޮލޫސްގެ ކްރިސްޓިއަން ކެސާރެސް ޖޫނިއާ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބު ކުރެވުނުތާ ދެ މިނެޓު ފަހުން ޓޮލޫސްއިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް އަނެއްކާ ވެސް ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ.

މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޑިއޮގޯ ޖޮޓާއެވެ. މި ލަނޑާ އެކު ލިވަޕޫލުން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރެވެތޯ ކުރަމުންދިޔަ މަސައްކަތް ކުރިއިރު މި ކަމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓް ދެއްކުމުންނެވެ. ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއިން މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ވަނީ ޓޮލޫސްގެ ގޯލަށް ބޯޅަ ވައްދައިލާ މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީކަމަށް ހީކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު މި ލަނޑު ޖެހުމުގެ ކުރިން އުފެއްދި ހަމަލާގެ ތެރޭގައި އެލެކްސިސް މެކް އެލިސްޓާގެ އަތުގައި ބޯޅެ ޖެހިފައިވާތީ އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިއާ އެކު މެޗު ނިމިގެންދިޔައީ ޓޮލޫސްއަށް ތާރީޚީ ކާމިޔާބީއެއް ލިބިގެންނެވެ.

މި ކާމިޔާބީއާ އެކު މި ވަގުތު ލީގު އާންގެ ތާވަލްގެ 14 ވަނައިގައި އޮތް ޓޮލޫސްއަށް ވަނީ ގްރޫޕް އީގައި އެ ޓީމުން ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، ލިވަޕޫލް އުޅެނީ ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ރޭގެ މެޗުން މޮޅުވިނަމަ އެ ޓީމަށް މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދިޔައީހެވެ.

comment ކޮމެންޓް