ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށް ތާއީދު ނުކުރުމަށް ގޮވާލައި ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު (ޖީ7)އިން އާންމުކުރި ބަޔާނާ އީރާނުން ދެކޮޅު ހަދައިފިއެވެ.
އީރާނުން މިގޮތަށް ބުނެފައި ވަނީ ޖީ7ގެ ގައުމުތަކުން ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި ބައްދަލުވުމަށްފަހު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލައިފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިސްރާއީލުން ހަމާސްއާ ހަނގުރާމަ ކުރަނީ އެމީހުންގެ އަމިއްލަ ދިފާއުގައި ކަމަށް ޖީ7 ގައުމުތަކުން ވަނީ ބުނެފައެވެ.
ހަމާސްގެ އިތުރުން ލުބްނާންގެ ހިޒްބުﷲއަށް ތާއީދު ނުކުރުމަށްވެސް ޖީ7 ގައުމުތަކުން ވަނީ އިރާނަށް ގޮވާލާފައެވެ.
އަރަބި ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ އީރާނުގެ ޚާރިޖީ ވަޒީރު ނާސިރު ކަނާނީ ވަނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަން، ކެނެޑާ، އިޓަލީ، ފްރާންސް، އަދި ޖަޕާން ހިމެނޭ ޖީ7އިން ނެރުނު ބަޔާން ހަރުކަށިކޮށް ކުށްވެރިކުރައްވާފައެވެ.
އީރާނުން އަންނަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށްދޭ ލާއިންސާނީ ހަމަލާތައް ދިނުން ހުއްޓުވުމަށް ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށް ނާސިރު ވިދާޅުވިއެވެ. އަދި ޖީ7 ބައްދަލުވުމުން އުންމީދު ކުރެއްވުނީ ޣައްޒާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ދިފާއުކޮށް ބައިނަލްއަގުވާމީ ގާނޫނުތަކާ އިސްރާއީލުން ޚިލާފުވާ ޚިލާފުވުން ކުށްވެރިކޮށް އެ ޖަމާއަތުގެ ބައިނަލްއަގުވާމީ ޒިންމާ އަދާކުރާތަން ފެނުން ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.
މާލީ ގޮތުންނާއި އަސްކަރީ ގޮތުން ހަމާސްއަށް ތާއީދުކުރާ އީރާނުން ވަނީ އެ ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކީ "ކާމިޔާބީއެއް" ކަމަށް ބުނެފައެވެ. ނަމަވެސް ހަމާސްގެ ހަމަލާތުގައި އެމީހުން އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އިރާނުން މިހާތަނަށްވެސް އަންނަނީ ބުނަމުންނެވެ.

އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އިމާރާތެއް ފޮޓޯ/އަރަބި ނޫސް
ހަމާސްއަށް ތާއީދު ކުރުމަކީ ވާޖިބެއް ކަމަށް އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ ވިދާޅުވެފައެވެ.
1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުން ފެށިގެން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރުމަކީ އީރާނުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް ކަމަކަށް ވަނީ ހަދާފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 10000އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށްވެސް ޔަހޫދީން އަންނަނީ އެކިވަރުގެ ހަމަލާތައް ދެމުންނެވެ.
ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.