މިދިޔަ މަހުގެ އާމްދަނީ އަންދާޒާކުރި ވަރަށް ވުރެ 29 ޕަސެންޓް އިތުރު

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދޔަ މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މި އަދަދަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 29.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން މިއަދު ބުނެފިއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 61.3 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

މީރާއިން ބުނީ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓްއާއި އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.

މިހެން ދިމާވީ ޖީއެސްޓީ، އެއާޕޯޓު ޓެކްސް އަދި ގްރީން ޓެކުހުގެ ފައިސާ ދެއްކުމުގެ ސުންގަޑި މިދިޔަ މަހުގެ ފުރަތަމަ ހަފުތާއަށް ފަސްވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

އޭގެއިތުރުން ސެޕްޓެމްބަރު މަހު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ އިރުވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވިކަން އެ އޮތޯރިޓީން ފާހަގަކުރިއެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ބޮޑު ބައި ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ 65.74 ޕަސެންޓް ނުވަތަ 1.32 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް އިންކަމް ޓެކުހުން ލިބިފައިވާއިރު އެއީ އާމްދަނީގެ 161.47 މިލިއަން ރުފިޔާއެވެ. އެއީ ޖުމުލަ އާމްދަނީގެ 8.2 ޕަސެންޓެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 152.82 މިލިއަން ރުފިޔާ އާއި ގްރީން ޓެކުހުގެ ގޮތުގައި 92.56 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑިވަލޮޕްމަންޓު ފީގެ ގޮތުގައި 77.19 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހުގެ ގޮތުގައި 205.72 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 77.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

comment ކޮމެންޓް