ފޭދޫ ސުކޫލުން ބެޖު ވިއްކައިގެން ފަލަސްތީނު ފަންޑަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ

މަދަދު ޕްރޮގްރާމުގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ ފޭދު ސްކޫލު ޕްރިންސިޕަލް އިބްރާހިމް ނަޝީދު

ޖުމްލަ 230 ކުދިން ތައުލީމު ހާސިލްކުރަމުންދާ ށ. ފޭދޫ ސުކޫލުން ފަލަސްތީނަށް އެހީވުމުގެ ގޮތުން، ބެޖު ވިއްކައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މި ހަރަކާތާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން ފޭދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަޝީދު ވިދާޅުވީ، ބެޖު ވިއްކީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ހަރަކާތުން ޖުމްލަ 112،200 ރުފިޔާ ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފައިސާ، ފަލަސްތީނަށް އެހީތެރިވެދޭ އައިއޭސީއާ ހަވާލުކުރަން ހަމަޖެހިފައިވަނީ، އެ ރަށު ޒުވާނުންގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތަކުން ލިބޭ ފައިސާއާ އެއްކޮށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ޖުމްލަ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ މި ދެ ހަރަކާތުން ފަލަސްތީނު ފަންޑަށް ހަދިޔާ ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ ފަަންޑަށް ލިބުނު ޖުމްލަ އަދަދު ސީދާ ވިދާޅުވާން އެނގޭނީ މިހާރު ކުރިއަށްދާ ފަންޑު ހޯދުމުގެ ހަރަކާތް ނިމުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ސްކޫލުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ދަރިވަރުންނަށާއި މުވައްޒަފުންނަށް ބެޖުތައް ހަވާލުކުރީ ދިހަ ރުފިޔާގެ ރޭޓުން ވިއްކުމަށް ކޮންމެ މީހަކަށް ދިހަ ބެޖު ކަމަށެވެ.

މަދަދު ޕްރޮގްރާމުގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ ފޭދު ސްކޫލު ޕްރިންސިޕަލް އިބްރާހިމް ނަޝީދު

ނަމަވެސް މި ހަރަކާތަކީ ފަންޑު ހޯދާ ހަރަކާތަކަށް ވާތީ، ބެޖު ގަންނަ ފަރާތުން ބޭނުން ނަމަ ދިހަ ރުފިޔާއަށް ވުރެ ބޮޑު އަގަކަށް ވެސް ބެޖުތައް ވިއްކުމުގެ ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މި ހަރަކާތަކީ އެ ސްކޫލުން އެކި ކަހަލަ ބޮޑެތި ކަންކަަމަށް ފަންޑު ހޯދުމަށް، ސްކޫލުގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން މިއަހަރު އުފައްދާފައިވާ "މަދަދު" ޕްރޮގްރާމުގެ ތެރެއިން ހިންގި ތިންވަނަ ހަރަކާތް ކަމަށެވެ.

"ބެޖު ހަރަކާތް ހިމެނޭ ގޮތަށް [މަދަދު ޕްރޮގުރާމުގެ] ތެރެއިން އެހީގެ ގޮތުގައި 164،049 ރުފިޔާ ހޯދައި ފޯރުކޮށްދީފައި ވާނެ. ކުރިއަށް އޮތް ތަނުގައި މާލީ އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އިތުރު ހަރަކާތްތައް ގެންދިޔުމަށް ނިންމައިފައިވާނެ," ނަޝީދު ވިދާޅުވިއެވެ.

"ދަރިވަރުންގެ އިސް ނެގުމުގެ މަތިން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެވޭތީ އެކަމާ ވަރަށް އުފާ ކުރަން."

މި ހަރަކާތަށް ރަށުން ބޭރުގައި ތިބެގެން ވެސް ފައިސާ ޓްރާންސްފާކޮށް، މިކަމުގައި ބައިވެރިވި އެންމެންނަށް ފޭދޫ ސްކޫލުގެ ފަރާތުން ނަޝީދު ޝުކުރު އަދާކުރެއްވިއެވެ.

comment ކޮމެންޓް