އެތުލެޓިކޯއިން ސެލްޓިކް ލަދުގަންނަވާލައިފި

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސްޕެނިޝް ލަލީގާގެ އެޓްލެޓިކޯ މެޑްރިޑާއި ސްކޮޓިޝް ޕްރިމިއާ ލީގުގެ ސެލްޓިކް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ޔޫރޯ ސްޕޯޓް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީގައި ސްޕެނިޝް ލަލީގާގެ އެތްލެޓިކޯ މެޑްރިޑާއި ސްކޮޓިޝް ޕްރިމިއާ ލީގުގެ ސެލްޓިކް ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު އެތުލެޓިކޯއިން ކާމިޔާބުކޮށް، އެ ޓީމު ހަމަބިމަށް ތިރިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ 6-0ގެ ބޮޑު ތަފާތަކުންނެވެ.

ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި މެޗު ސެލްޓިކްގެ ދަނޑުގައި ކުޅުނު އިރު ވެސް ހަ ލަނޑު ފެނިގެންދިޔައެވެ. ނަމަވެސް އެ މެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

އެތްލެޓިކޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސް އެ ޓީމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އެތްލެޓިކޯއިން ކާމިޔާބުކޮށް ލީޑު ނެގީ ހަވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ޖަހައިދިން ލަނޑުންނެވެ.

ސެލްޓިކަށް އެންމެ ރަނގަޅު ކުޅުމެއް ކުޅެމުންދިޔަ އެއް ކުޅުންތެރިޔާ ކަމަށްވާ ޑައިޒެން މައިޑާއަށް މެޗުގެ 23 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކުމާ އެކު ސެލްޓިކަށް އިތުުރު ހުރަސްތަކެއް ކުރިމަތިވެގެންދިޔައެވެ. މައިޑާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ރެފްރީ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ވަނީ އެ ކާޑު ރަތަކަށް ބަދަލުކޮށްފައެވެ.

މެޗުގައި އެތުލެޓިކޯގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައި، އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ އަލްވާރޯ މޮރާޓާއެވެ. ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގްރީޒްމަން ޖަހައިދިން އިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޭގެ ހަ މިނެޓު ފަހުން ސެމިއުލް ލީނޯއެވެ. ފަސްވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ މޮރާޓާއެވެ. އަދި، ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ ސައުލްއެވެ.

މޮޅާ އެކު އެތުލެޓިކޯ މިހާރު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، ސެލްޓިކް އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ އިޓާލިއަން ސެރީއާގެ ލާޒިއޯ އާއި ޑަޗް އެރެޑިވިސީގެ ފެޔެނޯޑް ބައްދަލުކުރި މެޗު 1-0 އިން އަމިއްލަ ދަނޑުގައި ކާމިޔާބު ހޯދީ ލާޒިއޯއެވެ. ލާޒިއޯ މިހާރު ވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައަށް ކުރިއަށް ޖެހިލައިފައެވެ. ކުރިން ގްރޫޕްގެ އެއްވަނައިގާ އޮތް ފެޔެނޯޑް މިހާރު ވަނީ ތިންވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް