އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާން ބަލިކޮށް، ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއިން ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބަންގުލަދޭޝްގައި ރޭ ކުޅުނު މެޗުގައި މޯހަން ބަގާންގެ މައްޗަށް ބަޝުންދަރައިން ކުރި ހޯދާފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތްއިރު ވެސް، ބަޝުންދަރައަށް އޮތީ މެޗުން މޮޅެއް ހޯދުމަށް މުހިންމުވެފައެވެ.
އެ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ މޯހަން ބަގާނުންނެވެ. މޯހަން ބަގާންއަށް ލިސްޓޮން ކޮލާކޯ ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އައިވަރީ ކޯސްޓް މިޑްފީލްޑަރު ޑިޑިއޭ ބްރޮސޫ ދިން ބޯޅައަކުން ބްރެޒިލް މިޑްފީލްޑަރު މިގެލް ފިގޭރާ ވަނީ ބަޝުންދަރައަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ބަޝުންދަރައަށް ލީޑު ހޯދުނީ މެޗު ނިމެން ދިހަ މިނެޓަކަށް ވެފައިވަނިކޮށެވެ. ބްރެޒިލް ފޯވަޑް ޑޯރީ ދިން ބޯޅައަކުން ބަޝުންދަރައަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ރޮބީނިއޯއެވެ.
އެ ނަތީޖާއާ އެކު ބަޝުންދަރަ ވަނީ "ގްރޫޕު ޑީ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ބަޝުންދަރަ އަދި ދެވަނައަށް ވެއްޓުނު މޯހަން ބަގާނަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ބަޝުންދަރަ ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. އެ ގްރޫޕުގެ ތިންވަނައިގައި އޮތް އިންޑިއާގެ އޮޑިޝާ އެފްސީއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އޭއެފްސީ ކަޕްގައި ބަޝުންދަރައަށް ދެން އޮތީ އަމިއްލަ ގައުމުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އިންޑިއާގައި އޮޑިޝާއާ ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުގައި މިހާތަަނަށް ބަޝުންދަރަ ބަލިވެފައިވަނީ މާޒިޔާ އަތުން އެކަންޏެވެ. ރާއްޖޭގައި ކުޅުނު އެ މެޗުގައި މާޒިޔާ އަތުން ބަޝުންދަރަ ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.