މިރާހާއި އިގްޔާންގެ ''އޯލަ'': އުފެއްދީ ދިމާ ވެސް ނުވެ!

ޒާރާ މުޖުތަބާގެ "މާ ލިލީ"ގެ އާ ރެންޑިޝަން އަކާ އެކު އިގްޔާން ރަފީގު އަދި "ޑިޖިޓަލް ފްލޮކް" ނުވަތަ މިރާހު އަލީ ވެގެން ދިޔައީ އެތައް ބަޔަކަށް ވަރަށް ކަމުދިޔަ ޑުއޯއަކަށެވެ. އެއާ އެކު ދެ މީހުން އެކީގައި އަލުން މިއުޒިކް އުފައްދާނެ ދުވަހަކަށް މީހުން އިންތިޒާރު ކުރިއެވެ. އެންމެ ފަހުން މިއޮތީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ. މި ފަހަރު މި އައީ އެންމެ ލަވައަކާ އެކު ވެސް ނޫނެވެ.

އިލެކްޓްރޯނިކް މިއުޒިކް ޕްރޮޑިއުސަރު މިރާހް ނުވަތަ ޑިޖިޓަލް ފްލޮކްއާއި އިގްޔާން ވެގެން 2020 ވަނަ އަހަރުގައި ނެރުނު މާ ލިލީއަށް ބޮޑު މަގުބޫލު ކަމެއް ލިިބިގެން ދިޔައެވެ. މި ފަހަރު ދެ މީހުން ކޮލޭބޮރޭޓް ކޮށްގެން ރިލީޒް މި ކުރީ އެންމެ ލަވައެއް ނޫނެވެ. އެކްސްޓެންޑެޑް ޕްލޭ ނުވަތަ އީޕީއެކެވެ.

https://open.spotify.com/album/3C3LR0zsC996XOSa2YqGyK?si=d6E8uK-QRmCNqOmA6e099g

އަލަށް ނެރުނު އީޕީ، "އޯލަ" އަކީ ދެ މީހުން ގުޅިގެން އުފައްދާފައިވާ ތިން ލަވައިގެ އީޕީއެކެވެ. ކުރިއާ ހިލާފަށް މި ފަހަރު ދެ މީހުން ނެރެފައިވަނީ ތިން އޮރިޖިނަލް ލަވައެވެ.

"އޯލަ" އީޕީގެ އަލްބަމް ކަވާ

އީޕީއަށް މިއުޒިކް އުފެއްދުމާ ގުޅޭ ގޮތުން ޑިޖިޓަލް ފްލޮކް ކިޔައިދޭ ގޮތުގައި މި ފަހަރު ވަނީ މިއުޒިކް އުފެއްދުމަށް ތަފާތު ވިސްނުމެއް ގެންގުޅެފައެވެ.

މީގެ ކުރީން ދެ މީހުން ލަވަ ތައްޔާރުކޮށްފައިވަނީ އެކީގައި ބައްދަލުކޮށް ތަފާތު ހިޔާލުތައް ބަދަލުކޮށްގެނެވެ. އަދި މިގޮތަށް ހިޔާލުތައް ބަދަލުކޮށް އެންމެ ގުޅޭ ހިޔާލެއް ބޭނުން ކޮށްފައިވާނެއެވެ. ނަމަވެސް މި ފަހަރު ކަންތައް ކުރީ މުޅީން ތަފާތު ގޮތަކަށެވެ.

މުޅި އީޕީގެ މިއުޒިކް ހަދާ ނިންމާލާފައިވަނީ ދެ މީހުން އެއްގޮތަކަށް ވެސް ބައްދަލު ނުކޮށެވެ. މިރާހް ބުނީ ލަވައެއް ތައްޔާރު ކުރުމަށް ޑެމޯ ހަދައި އޭގެ ފައިލް ފުރަތަމަ އިގްޔާނަށް ފޮނުވަނީއެވެ. އެއަށް ފަހު އެއަށް ބަލައި ލިރިކްސްތައް ތައްޔާރުކޮށް ބައެއް ހިޔާލުތައް ރެކޯޑް ކުރުމަށް ފަހު އިގްޔާން އަލުން އެ މިރާހަށް ފޮނުވާނެއެވެ.

އިގްޔާނާއި މިރާހް ---

ދެން އެއަށް ބަލައި މުޅި ލަވަ އެތުރުމުގެ މަސައްކަތް ކުރާނީ މިރާހެވެ. އެގޮތުން މި ޕްރޮޖެކްޓަށް ގަވާއިދުތައް ހެދީ ދެ މީހުން ކަމަށާއި މިއީ ވަރަށް ކަމުދިޔަ ޕްރޮޖެކްޓެއް ކަމުގައި އޭނާ ފާހަގަކުރެއެވެ.

"މީގެ އެންމެ ބޮޑު އެއް ގަވާއިދަކީ އެކަކު ދޭ އެއްޗެއް ބަދަލު ކުރުމަށް އަނެކަކަށް ނުބުނެވޭނެ ކަމަށް. އެ ދޭ މެޓީރިއަލް ވަށައި އެއަަށް ބަލައި އެއްޗެއް އުފައްދަން ޖެހޭނީ،" މިރާހް ކިޔައިދިނެވެ.

މިއުޒިކް ނެރުނީ 10 ޑޮލަރުގެ ބަޖެޓެއްގައި!

މިރާހު ކިޔައިދޭ ގޮތުގައި މި އީޕީ އުފައްދަން ބެލިއިރު ދެ މީހުން އަތުގައި އޮތީ ޖުމްލަ 10 ޑޮލަރުގެ ބަޖެޓެކެވެ. އެއާ އެކު އެ ބަޖެޓު ބޭނުން ކުރީ ލަވަތަައް ސްޓްރީމިން ޕްލެޓްފޯމުތަކަށް ޑިސްޓްރިބިއުޓް ކުރުމަށެވެ.

"މި އީޕީއަށް ލަވަތައް ރިކޯޑު ކޮށްފައި ވެސް ހުންނާނީ ގޭގައި ހުރި އެންޓްރީ ލެވެލް އިކުއިޕްމެންޓްތަކެއް ބޭނުން ކޮށްގެން. އަދި އީޕީއާ ގުޅޭ ހުރިހާ އެހެން ހުރިހާ ކަމެއް ކުރީ ހިލޭ ސޮފްޓްވެއާތަކާ އެކު،" މިރާހް ފާހަގަކުރިއެވެ.

އެ އީޕީއިން ލަވައެއް ކަމަށްވާ "ފަރުވާތައް"ގެ މިއުޒިކް ވީޑިއޯއެއް ވަނީ އިއްޔެ ރިލީޒްކޮށްފައެވެ.

މި މިއުޒިކް ވީޑިއޯއާ ގުޅޭގޮތުން ކިޔައިދެމުން މިރާހް ބުނީ އެ ކަމަށް ބޭނުންވާ ބަޖެޓެއް ނެތް ކަމަށެވެ. އެހެންވީމާ އެ މަސައްކަތް ވެސް ކުރީ ދެ މީހުން އެކަންޏެވެ. އެ މީހުން މިއުޒިކް ވީޑިއޯ ތައްޔާރު ކުރީ ގޭގައި އޮތް ކުރީގެ ކެމެރާއަކުންނެވެ. އަދި އެއަށް ފަހު ކެޕްކަޓް ބޭނުންކޮށްގެން ވީޑިއޯ އެޑިޓް ކުރީއެވެ.

comment ކޮމެންޓް