އާބާދީގައި 764 މީހުން ދިރިއުޅޭ ހދ. ކުރިނބީން ފަލަސްތީނަށް އެހީވުމަށް ހަރަކާތްތަކެއް ހިންގާ، އެހީގެ ގޮތުގައި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހުން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުން, ކުރިނބިން ވަނީ މުޅި ޖުމްލަ 235،235 ރުފިޔާ މިި ފަންޑަށް ހޯދާފައެވެ. އަދި މި ފައިސާ މިއަދު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އަށް ފޮނުވާފައެވެ.
މިކަމާ ގުޅިގެން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ، ކުރިނބީގެ ރައްޔިތުންނަކީ އަބަދުވެސް މިކަހަލަ ކަންކަމުގައި އެއްބައިވަންތަކަމާއެކީ މަސައްކަތްކުރާ ބައެއް ކަމަށާއި, މި ފަހަރުވެސް ފެނިގެން މި ދިޔައީ ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެގޮތުން ކުރިނބީގެ ހުރިހާ ސަރުކާރު މުވައްޒަފުންނާއި އިދާރާތަކުގެ މުވައްޒަފުން އެއް ދުވަހުގެ މުސާރައަށްވުރެ މަދުނޫން މިންވަރެއް މި ފަންޑަށް ހަދިޔާ ކުރުމަކީ, މި ހަރަކާތުގެ ތެރެއިން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ރަށުގައި ފަންޑު ފޮށި ބަހައްޓާ، ފަންޑު ފޮށި ހިފައިގެން ގޭގެއަށް ދިއުމާއި, ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމުގެ އިތުރުން ރަށުން ބޭރުގައި މަސައްކަތް ކުރާ މީހުންނަށް ގުޅައިގެން ވެސް އެހީ ހޯދާފައި ވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
"ފަންޑު ފޮށި ހިފައިގެން ގޭގެއަށް ހިނގުމުގެ ބޭނުމަކީ އަސްލު އެބަ ހުރޭ ވަރަށް ގިނަ ކުޑަ ކުދިންވެސް މި ފޮއްޓަށް ރީޗް ނުވާ. މިގޮތަށް ހިނގީމަ ވަރަށް ގިނަ ކުޑަ ކުދިން ހަމަ ފޮއްޓަށް ފައިސާ ލީ،" އޭނާ ވިދާޅުވިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ވެސް ކުރިނބީން ވަނީ ފަލަސްތީނަށް އެހީވުމަށް މިފަދަ ހަރަކާތްތަކެއް ބާއްވާފައެވެ. އެ އަހަރު ކުރިނބީ ރައްޔިތުންގެ ފަރާތުން 164،509 ރުފިޔާގެ އެހީ ފޯރުކޮށްދީފައި ވެއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ, މުސްލިމުންނަށް ދިމާވާ މިފަދަ ދަތި ދަނޑިވަޅުތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވީ އެންމެ ފުރިހަމަ މިންވަކަށް މިކަހަލަ ކަންކަމުގައި ބައިވެ, އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މި ފަހަރު ކުރިނބީގައި ހިންގި ހަރަކާތުގައި ކުރިނބީގެ ރައްޔިތުން ދެއްކި ނަމޫނާއަށް, ކުރިނބީ ކައުންސިލާއި މި ހަރަކާތް އިންތިޒާމްކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުގެ ނަމުގައި ކުރިނބީގެ ރައްޔިތުންނަށް އޭނާވަނީ ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުތަކާއި ގުޅިގެން, ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ފައިސާ ހޯދުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކުންވެސް އަދިވެސް ދަނީ އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.