ފަހަތުން އަރައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ މައްޗަށް އޮޑިޝާއިން ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު މާޒިޔާއަށް ގްރޫޕުގައި އިތުރަށް ކުރިއަށްދިއުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
މިއަދު ކުޅުނު މެޗު ފެށިތާ ދެ މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އޮޑިޝާގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު)އެވެ.
މާޒިޔާއިން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ފުޅާކޮށްފައެވެ. މާޒިޔާއަށް އެ ޕެނަލްޓީ ލިބިގެންދިޔައީ އޭރިއާ ތެރެއިން މާޒިޔާގެ ވޮޖިސްލާވް ބަލަބަނޮވިޗްއަށް އޮޑިޝާގެ މޯޓަޑާ ފޯލް ކުރި ފައުލަކާ ގުޅިގެންނެވެ. މާޒިޔާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބަލަބަނޮވިޗްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފަށް އޮޑިޝާއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން އޮޑިޝާއިން ވަނީ ގޯލެއް ޖަހައިފައެވެ. އޮޑިޝާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މޯޓާޑާ ފޯލްއެވެ.
އޭގެ ފަހުން އޮޑިޝާއިން ވަނީ އިތުރު ދެ ގޯލު ޖަހައި ލީޑު ވެސް ހޯދައިފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޑިއޭގޯ މައުރީސިއޯ އޮޑިޝާއަށް ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޮޑިޝާއަށް ލީޑު ހޯދައިދިނީ ރޯއީ ކްރިޝްނާއެވެ.
"ގްރޫޕު ޑީ"ގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ އިންޑިއާގެ މޯހަން ބަގާންއެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ދެވަނައަށް ޖެހިލި އޮޑިޝާއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި، ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އެ ގްރޫޕުގައި މިއަދު ބަޝުންދަރަ އާއި މޯހަން ބަގާން ބައްދަލުކުރާނެއެވެ. ބަންގުލަދޭޝްގައި ކުޅޭ އެ މެޗު ފެށޭނީ މިރޭ 7:00 ގައެވެ.