މާޒިޔާ ކޮޅަށް ހަ ގޯލު ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން: އޮޑިޝާގެ ކޯޗު

އޭއެފްސީ ކަޕްގައި މާޒިޔާ އާއި އޮޑިޝާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭއެފްސީ

އޭއެފްސީ ކަޕްގައި މާދަމާ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކޮޅަށް ހަ ގޯލު ޖެހިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އޮޑިޝާ އެފްސީގެ ކޯޗު ސާޖިއޯ ރޮޑްރިގޭސް މިއަދު ބުނެފިއެވެ.

އޭއެފްސީ ކަޕްގައި އިންޑިއާގެ އޮޑިޝާއިން މާދަމާ މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހޭނީ ރާއްޖޭގައެވެ. އެ މެޗަށް ނުކުންނަ އިރު، އޮޑިޝާއިން ވަނީ އިންޑިއާގައި ކުޅުނު މެޗުގައި 6-1ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށްފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އޮޑިޝާގެ ކޯޗު ރޮޑްރިގޭސް ބުނީ އަމިއްލަ ގައުމުގައި މާޒިޔާއިން ކުޅުނު އޭއެފްސީ ކަޕްގެ މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަމަށާއި އެހެންކަމުން މާދަމާގެ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން މާޒިޔާ ކޮޅަށް މި މެޗުގައި ހަ ގޯލު ޖެހިދާނެ ކަމަކަށް. މާޒިޔާއަކީ ރަނގަޅު ޓީމެއް، މިއީ ފުޓުބޯޅަ ވީމަ އެންމެ މެޗަކުން ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރެން ގަބޫލުކުރަނީ މާޒިޔާއަކީ ނަތީޖާ ނެރެވޭނެ ފެންވަރުގެ ޓީމެއް ކަމަށް. އެހެންވީމާ ހަ ގޯލު ޖެހުމަކީ އުނދަގޫ ކަމަކަށް ވާނެ. އެންމެ މެޗަކުން އެ ނަތީޖާ ނެރެވިދާނެ. އަހަރެމެންނަށް އެންމެ މުހިންމީ ޕޮއިންޓު ހޯދުން. އަހަރެން ގަބޫލުކުރަނީ މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށް،" އޭނާ ބުންޏެވެ.

ރޮޑްރިގޭސް ބުނީ މާޒިޔާއާ ދެކޮޅަށް ނުކުންނަން ޖެހެނީ އުނދަގޫ ހާލަތެއްގައި ކަމަށާއި ފުޓުބޯޅަ ކަލަންޑަރު އޮތް ގޮތުން އެ ޓީމަށް ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން 15 ދުވަހުން ފަސް މެޗު ކުޅެފައި މިއައީ. އެހެންވީމާ އުނދަގޫތަކެއް ހުންނާނެ. ފަހަރުގައި މެޗުތަކެއް ނުލިބި މާޒިޔާއިން ނުކުންނަން ޖެހުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ. ނަމަވެސް 15 ދުވަހުން ފަސް މެޗު ކުޅުމަކީ އުނދަގޫވާނެ ކަމެއް. ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ބޭނުންވާނެ، މެޗުތަކަށް ދަތުރުތައް ވެސް ކުރަން ޖެހޭ. މާޒިޔާގެ ކުޅުންތެރިންނަށް އެ ވަރުބަލިކަން ނެތުމަކީ އެ ޓީމަށް ފައިދާއަކަށް ވެދާނެ،" އޭނާ ބުންޏެވެ.

އޮޑިޝާގެ ކޯޗު ރޮޑްރިގޭސް އިތުރަށް ބުނީ މާޒިޔާއާ ދެކޮޅަށް މީގެ ކުރިން އިންޑިއާގައި ވެސް ނުކުތީ ޕޮއިންޓުތައް ހޯދަން ކަމަށާއި އެގޮތަށް ޕޮއިންޓުތައް ހޯދަމުން ގޮސްފި ނަމަ، ގްރޫޕުގެ އެއްވަނައިގައި ނިންމާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި، އަމާޒަކީ ވެސް ގްރޫޕުގެ އެއްވަނަ ހޯދުން ކަމަށް އޭނާ ބުންޏެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާޒިޔާއާ ދެކޮޅަށް އޮޑިޝާއިން ނުކުންނާނީ މާދަމާ މެންދުރު ފަހު 3:00 ގައެވެ.

އެ މެޗަށް ނުކުންނަ އިރު، މާޒިޔާ އަދި އޮޑިޝާއަށް ވެސް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް މާޒިޔާގެ ކުރީގައި އޮޑިޝާ އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާންއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

comment ކޮމެންޓް