ލީގު ހުއްޓިފައި އޮތުމުން އަނދަގޫ ކުރިމަތިވޭ: މާޒިޔާގެ ކޯޗު

މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) -- ފޮޓޯ/ މާޒިޔާ

ދިވެހި ޕްރިމިއާ ލީގު ހުއްޓިފައި އޮތުމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ގައުމީ ފުޓުބޯޅަ ޓީމަށް ވެސް އެ ކަމުގެ ބޮޑު އަސަރެއް ކުރާ ކަމަށް މާޒިޔާގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.

އޭއެފްސީ ކަޕްގައި އަމިއްލަ ގައުމުގައި މާޒިޔާއިން މާދަމާ އިންޑިއާގެ އޮޑިޝާއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށް ނުކުންނަ އިރު، އޮޑިޝާއިން ވަނީ އިންޑިއާގައި ކުޅުނު މެޗުގައި 6-1ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށްފައެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ އިންޑިއާގައި ކުޅުނު މެޗުން ނުކުތީ މާޔޫސީ ނަތީޖާއެއް ކަމަށާއި ނަމަވެސް އޭރުގެ ހާލަތަށް ބަލަން ޖެހޭ ކަމަށެވެ. އަދި, އޭއެފްސީ ކަަޕަށް ނުކުންނަ އިރު، މެޗުތަކެއް ނުލިބުމަކީ އުނދަގޫވާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ލީގު މެޗުތައް ނުފެށި އޮތުމަކީ ވަރަށް އުނދަގޫވާނެ ކަމެއް. އެ މައްސަލަ މާޒިޔާ އަދި ގައުމީ ޓީމަށް ވެސް ކުރިމަތިވީ. މެޗުތަކެއް ނުލިބި މި ކަހަލަ މެޗެއް ކުޅެން ޖެހުމަކީ ވަރަށް އުނދަގޫކަމެއް. އެހެން ހުރިހާ ތަނެއްގައި ހުރިހާ މުބާރާތެއް އެ ކުރިއަށް ދަނީ. މި މެޗަށް ފަހު ލީގު މެޗުތައް ފެށިގެންދާނެ ކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.

މިލޯ ބުނީ މާޒިޔާގައި 11 ވަރަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ ކަމަށާއި އިންޑިއާގައި އޮޑިޝާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެ ކުޅުންތެރިންނަށް ތައްޔާރުވުމަށް ވަގުތު ލިބިފައިނުވާ ކަމަށެވެ. އަދި, ވޯލްޑް ކަޕް ކޮލިފައިންގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް މާޒިޔާއަށް ނިސްބަތްވާ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނުކަން ވެސް އޭނާ ފާހަގަކުރިއެވެ.

"ގައުމީ ޓީމުން ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް މާޒިޔާގެ ކުޅުންތެރިންގެ ފެންވަރު ބަންގުލަދޭޝްގެ ޓީމަށް ވުރެ ރަނގަޅު. އެ މެޗުތަކަށް ފަހު އަހަރެމެންގެ ޓީމުގެ ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ލިބިފައެއް ނުވޭ. މެންޓަލީ އަދި ފިޒިކަލީ އެހާ ރަނގަޅެއް ވެސް ނުވާނެ. މެޗަކުން ބަލިވުމުން އެ ކަމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ. އެ ކަމުގެ އަސަރު އެންމެ ފަހުން އޮޑިޝާއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކަމަށް ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.

ގައުމީ ޓީމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަމުން މިލޯ ބުނީ ރާއްޖޭގެ ގައުމީ ޓީމު ބަންގުލަދޭޝް ޓީމަށް ވުރެ ރަނގަޅު ކަމަށާއި އެހެންކަމުން ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށްދިއުމުގެ ފުރުސަތު އެންމެ ހައްގުވަނީ ވެސް ރާއްޖެއަށް ކަމަށެވެ. އަދި, މާދަމާ ނުކުންނަ އޮޑިޝާއާ ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ.

"އޮޑިޝާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ފޮނުވައިލި ހަ ހަމަލާއިން ހަ ގޯލު ކާމިޔާބުކުރީ، ހަތަރު ގޯލު ފެނިގެންދިޔައީ ސެޓްޕީސްތަކުން. މާޒިޔާގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިން، އެހެންވީމާ މެޗު ކުޅެން ޖެހޭނީ ހަމަޖެހިގެން. އޮޑިޝާއަކީ ވަރަށް ރަނގަޅު ޓީމެއް. އެ މީހުންނަށް އެނގޭ މެޗުގެ ކޮންޓްރޯލު ހޯދިދާނެކަން. އަދި, އެ މީހުން ގިނަ ގޯލުތަކެއް ނުޖެހި ނަމަވެސް، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރޭ. އެ ޓީމުގައި އަބަދުވެސް މުޅި ޓީމު ބަދަލުކުރެވޭ ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި،" އޭނާ ބުންޏެވެ.

މާޒިޔާގެ ކޯޗު މިލޯ އިތުރަށް ބުނީ ބިރެއް ނެތި މާދަމާގެ މެޗުން ނަތީޖާ ނެރުމަށް ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށާއި އޮޑިޝާ ހިފެހެއްޓުމަށް ކުރަން ޖެހޭނެ ކަންތައްތަކާ މެދު ވިސްނާނެ ކަމަށެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އޮޑިޝާއާ ދެކޮޅަށް މާޒިޔާއިން ނުކުންނާނީ މާދަމާ މެންދުރު ފަހު 3:00 ގައެވެ.

އެ މެޗަށް ނުކުންނަ އިރު، މާޒިޔާ އަދި އޮޑިޝާއަށް ވެސް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް މާޒިޔާގެ ކުރީގައި އޮޑިޝާ އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް އިންޑިއާގެ މޯހަން ބަގާންއަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

comment ކޮމެންޓް