މިއުޒިކްގެ ލެޖެންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސެލީން ޑިއޯންއަށް އާދަޔާ ޚިލާފު ބައްޔެއް ޖެހިފައިވާ ކަމަށް އިއުލާނު ކުރުމަށްފަހު ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެއްޖެއެވެ.
ސެލީން ވަނީ ނާރުގެ ބައްޔެއް ކަމަށްވާ ސްޓިފް ޕާސަން ސިންޑްރޯމް (އެސްޕީއެސް) އޭނާގެ ހުންނަ ކަމަށް މީގެ ކުރިން ހާމަކޮށްފައެވެ.
މިދިިޔަ އަހަރު އޭނާ އެ ވާހަކަ އާންމުކޮށްފައިވާއިރު އޭނާ ބުނެފައިވަނީ ބަލީގެ ސަބަބުން އޭނާއަށް ލަވަ ކިޔުމަށް ދަތިވަމުން ދާ ކަމަށެވެ. އެއާ އެކު އޭނާ ވަނީ މިދިޔަ އަހަރުގެ ޝޯތަކެއް ކެންސަލްކޮށްފައެވެ. ދެން އެއަށްފަހު އޭނާގެ ޓުއާގެ މިއަހަރުގެ ޝޯތައް ކެންސަލު ކޮށްލާފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.
އެއާއެކު ސެލީން އާންމުންގެ ތެރެއިން ވަނީ އެއްކޮށްހެން ގެއްލިފައެވެ. އެއްވެސް އިތުރު ވާހަކަތަކެއް ވެސް އޭނާ ދައްކާފައެއް ނުވެއެވެ. އާންމުންގެ ތެރެއިން އަޑެއް ނީވި އެއްގޮތަކަށް ވެސް ސެލީން ނުފެންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ނަމަވެސް ދާދިފަހުން ސެލީން ވަނީ ދިގު މުއްދަތަކަށް ފަހު ޕަބްލިކުން ފެނިފައެވެ. އިއްޔެގެ ވަގުތެއްގައި ސެލީން އާންމުންގެ ތެރެއިން ފެނިފައިވަނީ ލަސް ވޭގަސް ގައި ކުރިއަށްދިޔަ ހޮކީ މެޗެއްގެ ތެރެއިންނެވެ. ފެންނަ ފެނުމުގައި ސެލީންގެ ހާލަތު ރަނގަޅު ކަމަށް ދަނޑުން ފެނުނު މީހުން ބުނެއެވެ.
އެސްޕީއެސްއާ ގުޅޭ ގޮތުން ސައިންސުވެރިންނަށް ވެސް އަދި ގިނަ މައުލޫމާތުތަކެއް ހޯދިފައިނުވެއެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑާއި އަތްފައިގައި މަސްގުޅަކައި، މަސްތަކަށް ތަދުވާން މެދުވެރިވެއެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޮ ނިއުރޯލޮޖިކަލް ޑިސްއޯޑާސްއިން ހާމަކޮށްފައިވާ ގޮތުގައި މި ބަލީގެ ސަބަބުން ބާރު އަޑުތަކުން މީހުންނަށް އުނދަގޫވާއިރު ނަފުސާނީ ދަތިތަކާ ވެސް ކުރިމަތިވެއެވެ. ބާރު އަޑުތަކުގެ ސަބަބުން މި ބަލީގައި ހެއަށް ވެސް ގޮތް ގޮތް ވާ ކަމަށް ރިކޯޑުތަކުގައިވެއެވެ. އެހެންވީމާ، ކޮންސާޓް ފަދަ އަޑު ގަދަ ތަންތަނުގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.