ވިރާތުގެ ސައްތައާ އެކު އިންޑިއާއިން ދެކުނު އެފްރިކާ ވެސް ބަލިކޮށްފި

ވިރާތު ކޯލީ މިހާރުވަނީ އެއް ދުވަހުގެ 49 ސެންޗަރީ ހަދާފަ / ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

ވިރާތު ކޯލީގެ ސައްތައާއި އިންޑިއާގެ އުކުންތެރިންގެ މޮޅު އުކުމާ އެކު ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއިން ދެކުނު އެފްރިކާ ވެސް ބަލިކޮށްފިއެވެ.

އިންޑިއާގެ ކޮލްކަޓާގައި ކުޅުނު މިމެޗު އިންޑިއާއިން ކާމިޔާބުކުރީ 243 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އިންޑިއާއިން ބޭނުންވީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެންމެ ފުރަތަމަ އިންޑިއާއިން ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 326 ލަޏޑު ހެދިއެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 101 ލަނޑު ހަދާ އެއް ދުވަހުގެ ކްރިކެޓް މެޗުގައި 49 ވަނަ ސެންޗަރީ ހެދި ވިރާތު ކޯލީއެވެ. މި ސައްތައާ އެކު ވިރާތު ވަނީ އިންޑިއާ ދުށް އެންމެ މޮޅު ބެޓްސްމަން ކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ސަޗިން ޓެންޑުލްކަރު ހަދާފައިވާ އެއް ދުވަހުގެ ސައްތައިގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވިރާތު ހާމަކުރި ގޮތުގައި ޤައުމީ ޓީމަށް ކުޅެން ލިބޭ ކޮންމެ ފުރުސަތަކީ މުހިންމު ފުރުސަތުތަކެވެ. އޭނާގެ 35 ވަނަ އުފަންދުވަހު އެހާ ގިނަ ސަޕޯޓަރުންގެ ކުރިމަތީ މިފަދަ ކާމިޔާބީއެއް ހޯދުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ކަމަށް އޭނާ ބުންނެވެ.

ވިރާތުގެ އިތުރުން ޝްރެޔާސް އިޔަރުވަނީ 77 ލަނޑު ހަދައިފައެވެ. މި އީނިންގްސްގައި ދެކުނު އެފްރިކާ ޓީމުން ނެގި ފަސް ވިކެޓް ވެސް ކާމިޔާބުކޮށްފައިވަނީ ތަފާތު ފަސް ކުޅުންތެރިންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ރަނގަޅަށް ބެޓް ކުރަމުންދާ ކަމަށް ފާހަގަ ކުރެވިފައިވާ ދެކުނު އެފްރިކާއިން ކުޅެން އަރައި 27 އޯވަރު އެއް ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ.

މެޗުގައި ދެކުނު އެފްރިކާގެ ކުއިންޓަން ޑި ކޮކްގެ ވިކެޓް ފަސް ލަނޑަށް ގެއްލުމާ އެކު ދެކުނު އެފްރިކާއަށް މާ ރަނގަޅު މެޗަކަށް ނުވެދާނެ ކަމަށް ހިވާން ފެށިއެވެ. ދެކުނު އެފްރިކާއަށް އެންމެ ގިނަ ލަނޑު ހެދި މާކޯ ޔެންސެންއަށް ވެސް ހެދުނީ 14 ލަނޑެވެ. އިންޑިއާ ޓީމަށް އެންމެ ރަނގަޅަށް މި އީނިންގްސްގައި އުކާފައިވަނީ ނުވަ އޯވަރު 33 ލަނޑަށް ފަސް ވިކެޓު ނަގައިދިން ރަވިންދުރަ ޖަޑޭޖާއެވެ. އަދި، މުހަންމަދު ޝާމީ އާއި ކުލްދީޕް ޔާދަވްއިން ކުރެ ކޮންމެ ކުޅުންތެރިޔަކުވަނީ ދެ ވިކެޓު ނަގައިދީފައެވެ.

މި ކާމިޔާބީއާ އެކު އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް އިންޑިއާ ދާނެކަން މިހާރު ވަނީ ޔަގީން ވެގެން ގޮސްފައެވެ. އެ ޓީމަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ދެކުނު އެފްރިކާއަށް ލިބިފައިވަނީ އަށް މެޗުން 12 ޕޮއިންޓެވެ.

comment ކޮމެންޓް