އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް 'ސަން'އަށް ވިދާޅުވި ގޮތުގައި ސިންގަޕޫރަށް އެމަނިކުފާނު ކުރެއްވީ ނުރަސްމީ ދަތުރުފުޅެއްގައެވެ.
އެހެންކަމުން ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހާމައެއް ނުކުރައްވައެވެ.
ޑރ. މުއިއްޒު އެ ދަތުރުގައި ފުރާވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރެއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާ ގައުމެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
މިފަހުން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން އެންމެ ފުރަތަމަ ކުރައްވާ ރަސްމީ ބޭރު ދަތުރުފުޅުގައި ވަޑައިގަންނަވަނީ އަވައްޓެރި އިންޑިއާއަށެވެ.
މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއެކު ބޭރުގެ މީޑިއާތަކުން އެ މަނިކުފާނު ސިފަ ކުރެއްވީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ. އެކަމަށް ރައްދު ދެއްވައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އެއްވެސް ގައުމަކަށް މާބޮޑަށް ބަރޯސާވެގެން އަދި އެއްވެސް ގައުމަގާ ރުޅިވެރިކަން ބާއްވައިގެން ނޫޅުއްވާނެ ކަމަށް ވިދާޅުވިއެވެ.