އެމެރިކާއިން ބުނަނީ އިސްރާއީލުން ޣައްޒާގެ އާންމުން ނުމަރާކަމަށާއި މަދަނީ ތަންތަނަށް ހަމަލާނުދޭ ކަމަށް

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އާންމުން ނުމަރާކަމަށް ވިދާޅުވި އެމެރިކާގެ މަސްއޫލުވެރިޔާ ޑާނާ ސްޓްރޯލް

ވޮޝިންޓަން (4 ނޮވެންބަރު 2023): އިސްރާއީލުން ޣައްޒާގެ އާންމުން ނުމަރާކަމަށާއި ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތައްފަދަ މަދަނީ ތަންތަނަށްވެސް ހަމަލާވެސް ނުދޭކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަން)ގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާގެ ޕްރޮގްރާމެއް ކަމަށްވާ "މިން ވޮޝިންޓަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ މިޑްލްއީސްޓް އެފެއާޒް ޑާނާ ސްޓްރޯލް ވިދާޅުވީ އިސްރާއީލުން ޣައްޒާގެ އާންމުން މަރާތަން ނުފެންނަ ކަމަށާއި ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ސްކޫލްތައްފަދަ މަދަނީ ތަންތަނަށް ހަމަލާދޭތަންވެސް ނުފެންނަ ކަމުގައެވެ.

ނަމަވެސް ޑާނާ ވިދާޅުވިގޮތުގައި ހަމާސް ޖަމާއަތުގެ "ޓެރަރިސްޓުން"ނާ ދެކޮޅަށް އިސްރާއީލު ކުރަމުން ގެންދަނީ ވަރަށް ދަތި އުނދަގޫ ހަނގުރާމައެއްކަމަށްވާތީ އެހަނގުރާމައިގައި ފަލަސްތީނުގެ މަދަނީންނަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރަކީ އަބަދުވެސް އޮންނަ ބިރެކެވެ. މިކަން އިސްރާއީލުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް އެމެރިކާ އަބަދުވެސް ގެންނަ ކަމަށް ޑާނާ ވިދާޅުވިއެވެ.

ޑާނާ އަލްޖަޒީރާ ގެ "މިންވޮޝިންޓަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

އިސްރާއީލުން ހަމާސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ޣައްޒާގެ އާންމުންނަށް ހަމަލާދީ ނުވަ ހާހަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާއިރު މިއީ ހަނގުރާމައިގެ ޖަރީމާކަމާއި މިފަދަ ޖަރީމާތަކަށް އެމެރިކާ އެހީވަނީ ކީއްވެގެންތޯ އަލްޖަޒީރާގެ "މިން ވޮޝިންޓަން" ޕްރޮގްރާމުގެ ޕްރެޒެންޓަރު އަބްދުއްރަހީމް ފުގަރާ، ޑާނާ ސްޓްރޯލް އާ ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް އެމެރިކާގެ ފުލް ސަޕޯޓާއި އެހީތެރިކަން ދޭކަމަށެވެ. އެމެރިކާގެ ހުރިހާ ސަޕޯޓަކާއި އެހީތެރިކަމެއް އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ލިބޭނެކަމީ ޝައްކެތްވެސްއޮތް ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޑާނާ މިމޭރުމުން އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވާއިރު އިސްރާއީލުން މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ޣައްޒާގެ އަލްމަޢްމަދާނީ ހޮސްޕިޓަލަށް ބޮން އަޅައި 500އަށް ވުރެގިނަމީހުން ޝަހީދުކޮށްލުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސްވަނީ އެއީ އިސްރާއީލުގެ ހަމަލާއެއް ނޫންކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ނަންހާމަކުރަން ނޭދޭ އެމެރިކާގެ އިސް ބައެއް މަސްއޫލުވެރިންނާ ހަވާލާދީ އެމެރިކާގެ ވިޔަފާރިއާބެހޭ ނޫހެއްކަމަށްވާ "ސީއެންބީސީ" ބުނާގޮތުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެމެރިކާ އެހީތެރިވެ ތާއީދުކުރާ މައްސަލާގައި އެމެރިކާ ބައިނަލްއަގްވާމީ މުޖްތަމައުގައި ދަނީ ވަރަށް ބޮޑަށް އެކަހެރިވަމުންނެވެ. އެމެރިކާ ދުނިޔޭގައި އެކަހެރިވަމުންދާކަމުގެ ކަންބޮޑުވުން އެމެރިކާގެ މި މަސްއޫލުވެރިންވަނީ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއަށާއި ރައީސް ޖޯ ބައިޑެންއަށް ދަންނަވާފައެވެ.

އިސްރާއީލުން ޝަހީދުކޮށްލި ކުށްޖެއްގެ ގަބުރުގައި އެކުއްޖާގެ މަންމަ ބައްދައިގަނެ ރޮއި ހިތާމަ ކުރަނީ

ޣައްޒާގެ އާންމުން މަރައިގެން ހަމާސް ޖަމާއަތް ބަލިކުރެވިދާނެކަމަށް ބަލައި އިސްރާއީލު ގެންގުޅޭ ސްޓްރެޓެޖީ ކާމިޔާބު ނުވާނެކަމާއި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 10 ހާސް މީހުން މިނިވަންކުރާ ގޮތަށް ނޫނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން ހަމާސްއިން ދޫނުކުރާނެކަމީ ސައްތައިން ސައްތަ ޔަގީންކަމެއްކަން އެބޭފުޅުން ބްލިންކެންއަށާއި ބައިޑެންއަށް ދެންނެވިކަމަށްވެސް "ސީއެންބީސީ" ބުނެއެވެ.

ނަމަވެސް އިސްރާއީލާއި އެމެރިކާ ވަނީ ހަމާސް އާ ހަނގުރާމަކޮށް އެޖަމާއަތް ބަލިކޮށްގެން ނޫންގޮތަކަށް އެޖަމާއަތުގެ އަތްދަށުގައިވާ އަސީރުން މިނިވަން ކުރުމަށް ދެކޮޅު ހަދާފައެވެ.

އަނެއްކޮޅުން އެއްގަމު މަގުން ހަމާސް އާ ހަނގުރާމަކުރާއިރު އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވަމުންދާތީ މިކަން ކުރުމަށްވެސް އިސްރާއީލު ސިފައިންވަނީ ނުކުޅެދިފައެވެ.

މިނޫސް ބުނާގޮތުން އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދޭ ހަމަލާތަކަކީ ގަތުލުއާންމު ނުވަތަ ހަނގުރާމައިގެ ޖަރީމާތައް ކަމަށްވާތީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ތިބޭ އިސްރާއީލަށް ތާއީދުކުރާ ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިހާރުވަނީ އިސްރާއީލުގެ ޖަރީމާތަކަކީ ގަބޫލުނުކުރެވޭނެ ޖަރީމާތަކެއްކަމަށް ބުނެ ފާޑުކިޔަން ފަށާފައެވެ.

އަދި ދުނިޔޭގެ ގިނަ ގައުމުތަކަކުން އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކުރާއިރު އެޖަރީމާތަކަށް އެމެރިކާ ފާޅުކަންބޮޑު ގޮތެއްގައި ތާއީދުކުރާތީ އެމެރިކާވެސް ދުނިޔޭގައި އެކަހެރިވުމުގެ އިތުރުން ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި އިސްރާއީލަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެެމެރިކާގެ މައްޗަށް ކުރެވިދާނެކަމުގެ ބިރުވެސް އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ އިހުސާސް ކުރައްވަމުންނެވެ.

އަނެއްކޮޅުން އެމެރިކާގެ އެތެރޭގައިވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ އާންމުންވަނީ އިސްރާއީލަށް ހަތިޔާރު ސަޕްލައިކުރަން މަސައްކަތްކުރާ ކަނޑުގެ ބައެއް ބަނދަރުތައް ހިސާރުކޮށް އެކަމަށް ހުރަސްއަޅާފައެވެ. އަދި ޔަހޫދީން ހޯދައި އެގައުމުތަކުން ބޭރުކުރުމުގެ މަސައްކަތްވެސް ބައެއް ގައުމުތަކުގެ އާންމުންވަނީ ފަށާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުތަކުން ގެންދަނީ އިސްރާއީލުގެ ވެރިންގެ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރަމުންގެންދާކަން ހާމަކޮށްފައެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ މަރަމުންގެންދާއިރު އެމެރިކާ އެކަމަށް ވާގިވެރިވާތީ އެކަމަށް ކެތްނުކުރެވިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކުވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓު"ންވެސްވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ސީދާ ގަތުލުއާންމުކަމާއި އިސްރާއީލުން ޣައްޒާ ކުޑަކުދިންގެ ގަބުރުސްތާނަކަށް ހަދާފައިވާކަން ބަޔާންކޮށްފައެވެ.

އެމެރިކާގެ ސަރުކާރުތަކަކީ ވަރަށް ދޮގުހަދާ ސަރުކާރުތަކެކެވެ. ދޮގުހެދުމުގެ އާޓުގައި ވަރަށް ކުރީގައި އުޅޭ ސަރުކާރު ތަކެކެވެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ނެތި އެގައުމުގައި އެ ހަތިޔާރު ހުރިކަމަށް ބުނެވެސް އެމެރިކާވަނީ އދ.އަށާއި މުޅި ދުނިޔެއަށް ދޮގު ހަދައި އޮޅުވާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު