ވައި ނުސާފުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށްފި

ދިއްލީގެ ސްކޫލެއްގެ ދެ ކުދިން. ވައި ނުސާފުވެ، ދިއްލީގެ ސްކޫލްތައް ވަނީ ދެ ދުވަހަށް ބަންދުކޮށްފައި ފޮޓޯ/އިންޑިއާ ޓައިމްސް

އަވަށްޓެރި އިންޑިއާގެ ވެރި ރަށް ނިއުދީއްލީގެ ވައި ނުސާފުވެ، ބުރާސްފަތި ދުވަހުން ފެށިގެން އެ ސިޓީގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ދިއްލީ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވަލާ ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، ދިއްލީގައި ހިންގާ ސަރުކާރާއި އަމިއްލަ ހުރިހާ ޕްރައިމަރީ ސްކޫލްތަކެއް ދެ ދުވަހުގެ މުއްދަތަށް ބަންދުވާނެއެވެ.

ފިނި މޫސުން ފެށިފައިވާއިރު، ފިނި މޫސުމުގައި އަބަދުވެސް ދިއްލީގެ ވައި ނުސާފުވެއެވެ. ސައިންޓިސްޓުން ލަފާކުރާ ގޮތުން ކުރިއަށް އޮތް ދެ ހަފްތާވެސް ވައި ނުސާފުވާ މިންވަރު ދާނީ އިތުރުވަމުންނެވެ.

ދިއްލީގެ ޕޮލިޔުޝަން ކޮންޓްރޯލު ކޮމެޓީން އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ދިއްލީގެ ވައި ނުސާފުވާން ދިމާވާ އެހެން ސަބަބުތަކުގެ ތެރޭގައި އަވަށްޓެރި ހަރިޔާނާ އާއި ޕަންޖާބުގެ ދަނޑު ބިންތައް އަންދާތީ އުފެދޭ ވިހަ ދުން ހިމެނެއެވެ.

ދިއްލީގެ މަގެއް މަތީ ބަޔަކު މާސްކު އަޅައިގެން، ވައި ނުސާފުވުމުން، އާންމުންގެ ސިއްހަތަށް ގެއްލުންވޭ ފޮޓޯ/ފައިނޭންސް ނޫސް

ވައި ނުސާފުވުން ކުޑަކުރުމުގެ ގޮތުން މަގުމަތީގައި ދުއްވާ އުޅަނދު މަދުކޮށް، އާންމު ދަތުރުފަތުރުތައްވެސް ދިއްލީގައި ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން ދިއްލީގެ އެތެރޭގައި ބަޑި ބޭސް އުފެއްދުމާއި ވިއްކުން އަދި އެ ބޭނުންކުރުންވެސް މިދިޔަ މަހު ވަނީ މަނާކޮށްފައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިއްލީގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ގެއްލުންވާ ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ކުޑަކުދިންނާ ދުވަސްވީ މީހުންގެ މެދުގައި ނޭވާ ހިއްލުމާއި، ފުއްޕާމޭގެ ބަލިތައް ގިނަކަން ފާހަގަވެފައިވާ ކަމަށް މާހިރުން ވިދާޅުވެއެވެ.

ވައި ނުސާފުވެފައިވާ ދިއްލީ. ފިނި މޫސުމުގައި އާންމުކޮށް ދިއްލީގެ ވައި ނުސާފުވޭ ފޮޓޯ/އިންޑިއާ ޓީވީ ނޫސް

ދުނިޔޭގެ ސިޓީތަކުގެ ތެރެއިން އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ އެއް ސިޓީ އަކީ ދިއްލީއެވެ.

comment ކޮމެންޓް