އަދުރޭ ޖަމީލަށް: ރައީސް ޔާމީންގެ ވެރިކަން ނިންމަން ކުރި މަސައްކަތް ހަނދާނެއް ނުނެތޭނެ

މުއިއްޒުއަށް ތާއީދު ހޯއްދެވުމަށް މިއަދު އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ ---- ފޮޓޯ: އެލީޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަޙްމަދު، ކުރެއްވި މަސައްކަތް ހަނދާން ނުނެތޭނެކަމަށް ޕީޕީއެމް ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދަޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، ޕީޕީއެމް އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖަމީލް މިފަހުން ވަނީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނައްތާލައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ. ޖަމީލް އެގޮތަށް ވިދާޅުވެފައިވަނީ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ސިޔާސީ އެއްވުންތަކެއްގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިނުވެ ވަނިކޮށެވެ.

https://sun.mv/183921

ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ރޭ ހުޅުދޫގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ވެރިކަން ލިބުނު ގޮތް ހަނދާން ނުނެތޭ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާނެއް ނުނެތޭނެ ވެރިކަން ލިބުނީ ކިހިނެތް ކަމެއް. ވެރިކަން ހޯދަން އަޅުގަނޑުމެން ކުރި މަސައްކަތެއް. އެކަމުގައި އެއްބާރުލުން ދިން ފަރާތްތަކެއް. އަދި އެކަމާ ދެކޮޅަށް ތެދުވި ފަރާތްތަކެއް،" ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނެވި އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް ގެނެސްގެން މި ގައުމު ސުންނާފަތި ކުރީ ކޮން ބައެއްކަން ވެސް ހަނދާން އެބަހުރި ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ވެރިކަމެއް ގެނައީ، ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ދޮގު ވާހަކަ ތަކެއްގެ ފެތުރައިގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ހަގީގަތެއް ނެތް ބުހުތާނު ވާހަކަތަކެއް ދެއްކީ. ރައީސް ޔާމީންގެ އިސްތަށިފުޅުގައި ނާޅުވާ އިލްޒާމެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.

އެ މަސައްކަތްތައް އެފަދައިން ކުރުމަށް ފަހު، ވެރިކަމަށް އާދެވުމުން ވެރިކަމާ ހަމައަށް އާދެވުނު ގޮތް ހަނދާން ނުނެތޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބެވެ. ނަމަވެސް ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު ޖަމީލް ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. އެހާ ހިސާބުން ނައިބު ރައީސްކަމުން ޖަލީލް ވަކިކުރެއްވިއެވެ. ދެން ޖަމީލް ވެގެން ދިޔައީ އެމްޑީޕީއާއި އޭރުގެ އިދިކޮޅު ފަރާތްތަކާއެކު ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅަކަށެވެ. ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ޔާމީނަށް ކުރެއްވިއެވެ.

ފަހުން އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު މަޖިލީހުގެ އިންތިޚާބުގައި ޖަމީލް އަމިއްލަ ގޮތުން ވިލިމާލެ ދާއިރާއަށް ވާދަކުރައްވައި ވީ ނާކާމިޔާބީއެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރާ ދެކޮޅުވެ، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. ކުރިން ޔާމީނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެއްވި ޖަމީލް ފަހުންވީ އެ މައްސަލަތަކުގައި ޔާމީންގެ ދިފާއުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ވަކީލަށެވެ.

comment ކޮމެންޓް