ޣައްޒާގެ އެމްބިއުލާންސްތަކަކަށް ހަމަލާދީ 50އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި

އަލް ޝިފާ ހޮސްޕިޓަލު ބޭރުގައި އެމްބިއުލާންސްތަކަށް ދިން ހަމަލާގެ ތެރެއިން-- ފޮޓޯ/ ސްކައި ނިއުސް

ފަލަސްތީނުގެ އަލް ޝިފާ ހޮސްޕިޓަލްގެ ކުރިމަތީ އޮތް އެމްބިއުލާސްތަކަކަށް އަމާޒުކޮށް، ޔަހޫދީ އިޒްރޭލުން ދިން ހަމަލާގައި ގިނަ ބަަޔަކު ޝަހީދުވެއްޖެއެވެ.

'ސްކައި ނިއުސް'އިން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާގައި 50އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަމަލާ އަމާޒުވެފައި ވަނީ ބަލި މީހުން ގޮވައިގެން ދަތުރުކުރި އެމްބިއުލާންސްތަކުގެ ގާފިލާއަކަށެވެ.

ސޯޝަލް މީޑިއާގަ އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޣައްޒާގެ އުތުރުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރުގައި ހަލާކުވެފައިވާ އެމްބިއުލާންސަކުން ބޮޑެތި ޒަޚަމްތަކާ އެކު ޝަހީދުވެފައިވާ މީހުން އެ ހޮސްޕިޓަލަށް ވައްދާ މަންޒަރު ފެނެއެވެ.

އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް)އިން ބުނި ގޮތުގައި އެ ހަމަލާ ދިނީ އެ ގައުމުގެ މަތިންދާ ބޯޓަކުން ވައިގެ މަގުންނެވެ.

މި ކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް މީގެ އިރުކޮޅެއް ކުރިން ކުރި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލް ކައިރީގައި ތިބި ބަލި މީހުން ހުސްކުރާ އެމްބިއުލާންސްތަކަށް ދިން ހަމަލާތަކުގައި މީހުން މަރުވެ، ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ޚަބަރުތައް ފެތުރުމުން ވަރަށް ބޮޑަށް ހައިރާންވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ދަންނަވަން، ބަލިމީހުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، ފެސިލިޓީތަކާއި، އެމްބިއުލާންސްތައް، ކޮންމެ ވަގުތެއްގައި ވެސް ހިމާޔަތް ކުރަން ޖެހޭނެ ކަމަށް،" ޓެޑްރޮސްގެ ޕޯސްޓުގައި ލިޔުއްވިއެވެ.

"މިހާރު ހަނގުރާމަ ހުއްޓާލާ،"

ޢައްޒާގެ އިމާރާތްތަކަކަށް ގެއްލުން ދީފައި-- ފޮޓޯ/ ސްކައި ނިއުސް

އަލްޖަޒީރާ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވަނީ އިޒްރޭލުން އެންމެ ފަހުން ޣައްޒާގެ އެމްބިއުލާންސްތަކަށާއި މެޑިކަލް ފެސިލިޓީތަކަށް ދިން ހަމަލާތައް ކުށްވެރިކުރައްވައި ބަޔާނެއް ނެރެފައެވެ.

"މި ޖަރީމާތަކަކީ، އަޅުގަނޑުމެންގެ ބިން ދިފާއުކޮށް، އެތައް ހާސް ޝަހީދުންގެ ބަދަލު ހިފައިގެން ތިބޭ، އަޅުގަނޑުމެންގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުންދާއިރު، އެ މީހުންގެ ބާރުގެ ދަށަށް ދިއުމާއި، އެ ގައުމުގެ އެއްގަމު ފައުޖުތަކަށް ކުރިމަތިވާ ހާލަތު ދައްކުވައިދޭ ކަމެއް،" ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ ވަނީ އަވަށްޓެރި މިސްރުން ރަފާ ބޯޑަރު ހުރަސްކުރާ ސަރަހައްދު ފުރިހަމައަށް ހުޅުވާލުމަށް ގޮވާލައްވައި އިޒްރޭލާއި އެ ޖަމާއަތުގެ ބައިވެރިންނަށް ރައްދު ދިނުމުގެ ގޮތުން އެ ސަރަހައްދާއި ދުނިޔޭގެ ރައްޔިތުން "ރުޅިވެރިކަން ފާޅުކުރަމުން ގެންދިއުމަށް" ގޮވާލައްވާފައެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު 9،000 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި، އަނިޔާވެފައިވާ މީހުންގެ އަދަދު ވަނީ 20،000 އިން މައްޗަށް އަރައިފައެވެ.

އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ނުވަތަ އެ ނޫން ވެސް ގޮތްގޮތުން 2030 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭންގި ވަނީ ގެއްލިފައެވެ.

comment ކޮމެންޓް