އިސްރާއީލާއެކު އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުން ކަނޑާލާފައިވާ ކަމަށް ބަހްރައިނުން އިއުލާނުކޮށްފިއެވެ.
މިކަން އިއުލާނުކޮށް ބަހްރައިންގެ ގާނޫނު ހަދާ މަޖިލީހުން ނެރުނު ބަޔަކާނަކާ ހަވާލާދީ މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކުރާ ގޮތުގައި އެ ޤައުމުގައި ހުރި އިސްރާއީލްގެ ސަފީރު ވެސް ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އަދި އިސްރާއީލުގެ ތެލް އަވީވްގައި ހުންނަ ބަހްރައިންގެ ސަފީރުވެސް އަނބުރާ ގައުމަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އިސްރާއީލާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލަން ބަހްރައިނުން ނިންމާފައި މި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް އިސްރާއީލް ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެންނެވެ. ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލުމަށް ޢަރަބި ދުނިޔެއާއި މުސްލިމް ގައުމުތަކުގެ އިތުރުން މުޅި ދުނިޔެއިން ގޮވައިލަމުން ދިޔަ ނަމަވެސް އިސްރާއީލުން ދަނީ ގަތުލުއާންމު ހުއްޓައިނުލާނެ ކަމަށް ބުނަމުންނެވެ.
ވިޔަފާރިއާއި އިގްތިސާދީ ގުޅުން ކަނޑާލުމަށް ނިންމުމުން، ގާނޫނު ހަދާ މަޖިލީހުން ވަނީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއަށް ތައުރީފްކޮށްފައެވެ. ޣައްޒާއާއި މުޅި ފަލަސްތީނުގެ ސަރަހައްދުތަކުގައި ޔަހޫދީން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ އެހެން ކަންތައްތަވެސް ކުރަމުންދާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުން ބުނެއެވެ.
ބަހްރައިނުން އިސްރާއީލާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ 2020 ވަނަ އަހަރު އެކުލަވައިލި އިބްރާހީމް އެކޯޑްސްގެ ދަށުންނެވެ.
ބަހްރައިނުން އިސްރާއީލާއެކުއޮތް ވިޔަފާރީގެ ގުޅުން ކަނޑާލިއިރު، ދާދިފަހުން އުރުދުންއިން ވެސް ވަނީ، އެ ގައުމުން ތެލް އަވީވަށް ފޮނުވާފައިވާ ސަފީރު އަނބުރާ ގައުމަށް ގެންގޮސްފައެވެ. އަދި، ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުން ވަނީ އިސްރާއީލާ ދެމެދު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލާފައެވެ. އެ ގައުމުތަކުގެ ތެރޭގައި ބޮލީވިޔާ ހިމެނެއެވެ.
މިދިޔަ ހަފުތާގައި އިސްރާއީލު ސިފައިން ވަނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި މިހާތަނަށް ޝަހީދުވި މުސްލިމުންގެ އަދަދު ވަނީ 9000އަށް އަރާފައެވެ. ޒަހަމްވެފައިވާ 20،000އަށް ވުރެ ގިނަ މީހުން ޣައްޒާތެރޭގައި ތިބިއިރު، އިސްރާއީލުންދޭ ވައިގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވެސް އެތައް ބަޔަކު އެބަތިއްބެވެ.