ސަރުކާރުން ނަސްރުގެ ދުވަހަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން އަންނަ އަހަރުން ފެށިގެން ދޭނެ: މުއިއްޒު

އޮގަސްޓް 25، 2021: ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަސްރުގެ ދުވަހަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން، އަންނަ އަހަރުން ފެށިގެން ސަރުކާރުން ދޭނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވުމަށް ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު އެހެން ވިދާޅުވި އިރު، މި ސަރުކާރުން ކުލަގަދަކޮށް ނަޞްރުގެ ދުވަސް ފާހަގަ ނުކުރާކަމަށް ބުނެ އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕިއެމް، ޕީއެންސީ ކޯލިޝަނުން މީގެ ކުރިން ފާޑު ކިޔާފައިވެއެވެ.

ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގެ ސަގާފަތާއި ގައުމިއްޔަތު ދިރުވައި އާލާ ކުރާނެކަމަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ. އަދި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، މާލެއަށް ދިން އުދުވާނީ ހަމަލާއަށް 35 އަހަރު ފުރުނު ދުވަހެވެ.

އެއީ 1988އަށް ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރާއި އެދުވަހު ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.

comment ކޮމެންޓް