ޕެރިސް މާސްޓާސްގެ ކުއާޓާ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދައިފި

މިއީ ހަ ހަފުތާގެ ތެރޭގައި ޖޯކޮވިޗް ކުޅުނު ފުރަތަމަ މެޗު/ ފޮޓޯ: ޑެއިލީ އެކްސްޕްރެސް

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަދި މި މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދީ ތިންވަނަ ބުރުގައި ނެދަލަންޑްސްގެ ޓެލޮން ގްރީކްސްޕޯ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފެށުން ޖޯކޮވިޗަށް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. ފުރަތަމަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބުކުރީ ގްރީކްސްޕޯއެވެ. މެޗުގެ ދެވަނަ ސެޓު ވެސް ވަރަށް ހަމަހަމަކޮށް ދިއުމަށް ފަހު ޖޯކޮވިޗް ކުރި ހޯދީ ޓައިބްރޭކަކަށް ގޮސް ހަތެއް ދެއަކުންނެވެ. އަދި، ފަހު ސެޓު ހައެއް ހަތަރަކުން ކާމިޔާބުކުރީ ޖޯކޮވިޗެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖޯކޮވިޗް ބައްދަލު ކުރާނީ ހަވަނައަށް މުބަރާތުގައި ސީޑް ކުރެވިފައިވާ ޑެންމާކްގެ ހޮލްގާ ރޫން އާއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ރޫން ޖާގަ ހޯދީ ތިންވަނަ ބުރުގައި ޖަރުމަނުވިލާތުގެ ޑެނިއެލް އާލްޓްމަޔާ އާއި ބައްދަލުކޮށް ސީދާ ދެ ސެޓުންނެވެ. ދެ ސެޓު ވެސް ކާމިޔާބު ކުރީ ހައެއް ތިނަކުންނެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ފަސްވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް ވަނީ ނެދަލަންޑްސްގެ ބޮޓިކް ވެން ޑެ ޒަންޑްޝުލުޕް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ.

ރުބްލޭވްއާ އެކު ކުއާޓާ ފައިނަލުން ވަނީ ހަތްވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ވެސް ޖާގަ ހޯދައިފައެވެ. ސިޓްސިޕާސް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ތިންވަނަ ބުރުގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒްވަރޭވް އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ, ފުރަތަމަ ސެޓު ޓައިބްރެކަކަށް ގޮސް ހަތެއް ދެއަކުން ކާމިޔާބުކޮށް އަދި ދެވަނަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ. ސިޓްސިޕާސް ކުއާޓާ ފައިނަލްގައި ވާދަކުރާނީ ރަޝިއާގެ ކަރެން ހަޗަނޯވްއާއެވެ.

comment ކޮމެންޓް