ޣައްޒާގެ ހޮސްޕިޓަލްތައް ހުއްޓި، ތުއްތު ކުދިންގެ ފުރާނައަށް ނުރައްކާވެފައި

ޣައްޒާގެ ހޮސްޕިޓަލެއްގައި ވިހާފައި އޮތް ކުއްޖެއް ފޮޓޯ/ސީއެންއެން

ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ވެންޓިލޭޓަރަކުން ފުއްޕާމެއަށް އޮކްސިޖަން ފޯރުކޮށްދީ, އެ ތުއްތު ކުއްޖާގެ ހިތުގެ ތެޅުން މޮނިޓަރަކުން ބަލަމުންދާއިރު، އޮކްސިޖަން ޓޭންކަކުން ކުއްޖާގެ ހިތަށް ދިރުން ގެނެސްދެއެވެ.

މިއީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ފެށުމުގެ އެއް ދުވަސް ކުރިން، މިދިޔަ މަހުގެ ހަ ވަނަ ދުވަހު މި ދުނިޔެއަށް ނޭވާލި، ޣައްޒާގެ ތާލިއާ މިހާރު އޮތް ހާލަތެވެ. އުފަންވުމާއެކު ފުއްޕާމޭ ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ތާލިއާ މިހާރު އޮތީ ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސްގައި ހުންނަ ނަސީރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

ތާލިއާއަކީ، 25 އަހަރުގެ ސަމަރު އަވާދު ކުއްޖަކު ލިބުމަށް ވަރަށް އުންމީދުކޮށްގެން ހުއްޓާ ލިބުނު ކުއްޖެކެވެ.

"ޑޮކްޓަރުން ބުނީ ތާލިއާގެ ފުއްޕާމޭގައި ފެން ހެދިފައި ކުރި ކަމަށް. އަދި އިތުރަށް ބެލުމަށް އެޑްމިޓްކޮށްފައި ބޭއްވުމަށް. އެހެންވެ، އަހަރެން މިހާރު ނިދަނީވެސް އޭނާ ކައިރީ ހޮސްޕިޓަލްގައި." ސަމަރު ބުންޏެވެ.

ތެޔޮ ހުސްވެގެން ހޮސްޕިޓަލް ހުއްޓިދާނެތީ ބިރުގަންނަކަމަށާއި، ބޭނުންވަނީ ހަނގުރާމަ ނިމެން ކަމަށް ސަމަރު ބުންޏެވެ.

ހަތާވީސް އަހަރުގެ ލީނާ ރާބިއާއަށް ކުއްޖަކު ލިބުނީ ކުއްޖަކަށް އުންމީދު ކުރާތާ އެތައް ދުވަހެއް ފަހުންނެވެ. ރާބިއާ ވިހެއީ ހަނގުރާމަ ފެށުމުގެ އެއް ހަފުތާ ކުރިން ދުވަސް ނުފުރައެވެ. ދަރިފުޅުގެ ހަށިގަނޑުގައި ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ނަމަވެސް ހަނގުރާމައިގެ މި ހާލަތުގައި ހޮސްޕިޓަލްތަކުން އެކަށީގެންވާ ފަރުވާ ނުލިބޭނެ ކަމަށް ރާބިއާ ބުންޏެވެ.

އދ.ގެ ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތް އޭޖެންސީ (އޫއެންއެފްޕީއޭ)އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގައި މިހާރު ހިނގަމުންދާ ލާއިންސާނީ އަމަލުތަކުގެ މެދުގައި ތާށިވެފައި ގާތްގަނޑަކަށް 50,000 މާބަނޑު އަންހެނުން އެބަތިއްބެވެ. އަދި ދުވާލަކު 160 މީހުން ޣައްޒާގައި ވިހާ ކަމަށްވެސް ޔޫއެންއެފްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އިންކިއުބޭޓަރަށް ލާފައިއޮތް ދުވަސްނުުފުރާ ވިހާފައި އޮތް ކުއްޖަކަށް މެޑިކަލް އޮފިސަރަކު ފަރުވާދެނީ ފޮޓޯ/މާކެޓް ސްކްރީނާ

ވިހެއުމުގެ ސަބަބުން ގާތްގަނޑަކަށް 15 އިންސައްތަ މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެފަދަ މީހުންނަށް އަވަސް ފަރުވާ ލިބެން ޖެހޭ ކަމަށް އެ ޖަމިއްޔާގެ ފަލަސްތީނު މަންދޫބު ޑޮމިނިކް އެލެން ހާމަކުރެއްވިއެވެ.

އިންސާނީ އެހީ ފޯރުކޮށްދީ، ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހަނގުރާމަ މެދުކަނޑާލައިގެންވިޔަސް ވަގުތު ދޭން ޖެހޭ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާހެދި، ތެލާއި ކަރަންޓުވެސް ލިބުން ދަތިވުމުގެ ސަބަބުން ޣައްޒާގައި ހުރި 35 ހޮސްޕިޓަލްގެ ތެރެއިން 12 ހޮސްޕިޓަލްގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި 72 ކްލިނިކް ޣައްޒާގައި ހުންނައިރު، 46 ކްލިނިކެއްގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.

ހަނގުރާމަ ފެށިފަހުން ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ވަނީ މިސްރާއި ޣައްޒާ ގުޅޭ ރަފާ ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ދީފައެވެ. ނަމަވެސް ޣައްޒާއަށް ވެއްދޭ މަދު އެހީގެ ޓްރަކްތަކުން ޣައްޒާއަށް ތެޔޮ އެތެރެކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ.

ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލްގެ މުވައްޒަފުން ބުނާ ގޮތުގައި ކޮންމެހެން ބޭނުންވާ އަސާސީ ތަކެތި ލިބުން ދަތިވެ، ފެނުގެ ދަތިކަންވެސް އިންތިހާއަށް ބޮޑުވެ، ކަރަންޓު ލިބޭނެ ގޮތެއްވެސް ނެތެވެ.

ތެޔޮ ހުސްވުމުގެ ސަބަބުން ޑީސަލިނޭޝަން ޕްލާންޓުތައް ހިންގުމަށް ވަނީ ދަތިވެފައެވެ. މިއާއެކު އާންމުންނަށް ސާފުތާހިރުވުމަށްވެސް ވަނީ ދަތިވެފައެވެ. އދ.އާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ޣައްޒާއިން މިވަގުތު ލިބެން ހުރީ ކޮންމެ މީހަކަށް ދުވާލަކަށް ތިން ލީޓަރުގެ ފެނެވެ. މި ފެން ބޯން ބޭނުންކުރުމަށްފަހު، ކެއްކުމާއި ފާހާނާ ކޮށް ފެނުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފުއްދަންޖެހެއެވެ.

ޝިފާ ހޮސްޕިޓަލްގައި ތިބި ބައެއް ކުދިންނަކީ އެކުދިންގެ އާއިލާއިން ސަލާމަތްވި ހަމައެކަނި ކުދިން ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.

ޔަހޫދީ އިސްރާއީލުގެ ރަހުމުކުޑަ އަމަލުތައް ދާދި ފަހުން ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށްފައިވެއެވެ. ޖަބާލިޔާއަށް ދެ ދުވަހުގެ މަތިން ދިން ހަމަލާތަކުގައި 195 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 120 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް، ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ބުނެއެވެ.

ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 9000އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް