ސާރާގެ ކުރީގެ ލޯބިވެރިޔާ، ރީތީގެ ރާނީ ހަރްނާޒު ސަންދޫއާއެކު

މިސް ޔުނިވާސް 2021 ހަރްނާޒް ސަންދޫ

ބޮލީވުޑްގެ އުއްމީދީ ބަތަލާ ސާރާ އަލީ ޚާންގެ ކުރީގެ ލޯބިވެރިޔާ ވީރް ޕަހާރިޔާ, ރީތީގެ ރާނީގެ ތާޖު ހާސިލު ކޮށްފައިވާ ހަރްނާޒް ސަންދޫއާ އެކު ފެނުމުން ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ވީރް އާއި ހަރްނާޒު ކައިވެނި ކޮށްފައިވާ ކަމަށް ބުނެފައިވާއިރު އަނެއް ބަޔަކު ބުނެފައި ވަނީ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އިންޑިއާއަށް މިސް ޔުނިވާސްގެ ތާޖު ކާމިޔާބު ކޮށްދިން ހަރްނާޒްއާ ވީރް ޕަހާރީގެ ގުޅުމުގެ ވާހަކަ ދެކެވެން ފެށީ މި ދިޔަ އަންގާރަ ދުވަހު މުމްބާއީގައި ބޭއްވި ޖިއޯ ވޯލްޑް ޕްލާޒާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާއަށް ދެ މީހުން އެކީގައި ދިޔުމުންނެވެ.

މި ހަފުލާގައި ވީރް ޕަހާރިޔާގެ ކުރީގެ ލޯބިވެރިޔާ ބަތަލާ ސާރާ ޢަލީ ޚާން ވެސް ވަނީ ބައިވެރިވެފައެވެ. ވީރްއާއި ސާރާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން ފަޅާ އަރާފައި ވަނީ ކަރަން ޖޯހަރުގެ ސެލެބްރިޓީ ޝޯވް 'ކޮފީ ވިތު ކަރަން'ގެ ހަތް ވަނަ ސީޒަންގެ އެޕިސޯޑެއްގައި އެކަމަށް ސާރާ އެއްބަސް ވުމުންނެވެ.

ބަތަލާ ޖާންވީ ކަޕޫރާއެކު ސާރާ ބައިވެރިވި އެޕިސޯޑުގައި ކަރަން ކުރި ސުވާލަކަށް ޖަވާބު ދެމުން ދެ ތަރިން ވެސް ބުނެފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެއްބަނޑު އެއްބަފާ ދެބެންގެ ޖޯޑަކާ ކަމަށެވެ. ސާރާ އާއި ވީރްގެ ގުޅުން ކެނޑުނު ނަމަވެސް ޖާންވީ އަދިވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ވީރުގެ ކޮއްކޮ ޝިކަރު ޕަހާރިޔާއާއެވެ.

ސާރާ އަލީ ޚާން އަދި ކުރީގެ ލޯބިވެރިޔާ ވީރް ޕަހާރިޔާ

އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ވީރް ޕަހާރީޔާ އާއި ރީތީގެ ރާނީ ހަރްނާޒުގެ ލޯބީގެ ވާހަކަ ތިލަވެފައި ވާއިރު ދެ މީހުން އަންނަނީ އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހަނގުރާމައިގެ ހާދިސާގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ މި ފިލްމުން ބަތަލާ ސާރާ ޢަލީ ޚާން ވެސް މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް