ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތައް ނުހުއްޓުވާތީ، މަޝްހޫރު އެކްޓަރު އެންޖެލީނާ ޖޯލީ، ދުނިޔޭގެ ލީޑަރުން ކުށްވެރިކޮށްފިއެވެ.
ތަފާތު އެކި ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ އެންޖެލީނާއަށް އާންމުންގެ ލޯބި ލިބިފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް އެހީތެރިކަން ހޯދައިދިނުމުގައި ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެންނެވެ.
ޔުނައިޓެޑް ނޭޝަންސްގެ ހައި ކޮމިޝަނާ ފޮ ރެފިއުޖީސްގައި ގާތްގަނޑަކަށް 20 އަހަރު ވަންދެއް އެންޖެލީނާ ވަނީ މަސައްކަތް ކޮށްފައެވެ. މި މުއްދަތުގައި އޭނާ ވަނީ ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ.
އިސްރާއިލުން މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެންޖެލީނާ ވަނީ ދާދި ފަހުން އޭނާގެ ޚިޔާލުތައް ހިއްސާ ކޮށްފައެވެ.
އޭނާ ބުނިގޮތުގައި ޣައްޒާގައި ތިބި ރައްޔިތުން ތިބީ ދާނެ ތަނެއް ނެތި ޖަލެއްގައި ތާށި ވެފައެވެ. އަދި އެމީހުންގެ ފުރާނައަށް ނުރައްކާވެފައިވާއިރު އެތަނުގައި ތިބި 40 ޕަސެންޓު އާބާދީއަކީ ކުޑަކުދިން ކަމުގައި ޖޯލީ ފާހަގަކުރިއެވެ.
މި ހުރިހާ ކަމެއް ހިނގަމުން ދާއިރު އިސްރާއިލުން މި މަސައްކަތް ކުރަނީ ދުނިޔޭގެ އެކި ސަރުކާރުތަކުގެ ސަޕޯޓާއެކުގައި ކަމަށް އެންޖެލީނާ ބުންޏެވެ.
ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލުގެ އެންގުމާއެކު، އިސްރާއިލްގެ ހަމަލާތައް ހުއްޓުމަށް ގޮވާލަމުން ދާއިރު ވެސް މި ކަންތައްތައް ހުއްޓިފައި ނުވަނީ ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެތައް ކުޑަކުދިންނާއި އަންހެނުންގެ މަރުގެ ޒިންމާ މި ލީޑަރުން އުފުލަން ޖެހޭނެ ކަމަށް އޭނާ އިޝާރާތް ކުރިއެވެ.
ހޮލީވުޑްގެ ގިނަ ތަރީން އަންނަނީ އިސްރާއީލަށް ސަޕޯޓުކޮށް ވާހަކަ ދައްކަމުންނެވެ. ނަމަވެސް އޭލިސްޓު ތަރިންގެ ތެރެއިން ފާހަގަކުރެވޭ ތަރިއެއް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދެއްކުމުން އެކަމަށް އާންމުންގެ ފަރާތުން އަންނަނީ ތަރުހީބު ލިބެމުންނެވެ.