މެލޭޝިއާގައި ހިފެހެއްޓުމަށް ފަހު، މަދަނީ އަބްދުﷲ ރާއްޖެ ފޮނުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުޙައްމަދު (މަދަނީ އަބްދުﷲ) -- ސަން ފޮޓޯ

އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުޙައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާގައި ހިފެހެއްޓުމަށް ފަހު މިއަދު ރާއްޖެއަށް ފުރުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ އަބްދުﷲ ރޭ މެލޭޝިއާއަށް ވަޑައިގަތުމުން އެގައުމުގެ އިމިގްރޭޝަނުން އޭނާ ހިފެހެއްޓި ކަމުގެ މައުލޫމާތު މެލޭޝިއާ ހައި ކޮމިޝަނަށް ލިބުނީ އެގައުމުގެ ގަޑިން ރޭގަނޑު 9:40ހާއިރު ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާއެކު ހައި ކޮމިޝަނުން އަބްދުﷲއަށް ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

"މިގޮތުން ކަމުގެ މައުލޫމަތު ލިބުމާއެކު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ކޮންސިއުލާ މުވައްޒަފެއް ވަނީ ވަގުތުން އެއާޕޯޓަށް ގޮސް ބޭނުންވާ ހުރިހާ ކޮންސިއުލާ ޚިދުމަތްތައް ފޯރޮކޮށްދީފައި،" މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މެލޭޝިއާގެ އިމިގްރޭޝަނުން އާއްމުކޮށް އަމަލުކުރާ އުސޫލަކީ، އެ ގައުމަށް އެތެރެވުން މަނާކުރާ މީހަކު، މެލޭޝިއާއަށް ދިޔުމަށް ދަތުރުކުރި އެއާލައިންސްގެ އެންމެ އަވަހަށް ފުރަން އޮންނަ ފްލައިޓަކުން މެލޭޝިއާ އިން ފުރުވުން ކަމަށެވެ.

ނަމަވެސް އަބްދުﷲ ދަތުރުކުރި އެއާލައިނުން ރާއްޖެއަށް އައުމަށް އެންމެ އަވަހަށް އޮންނަ ފްލައިޓެއް އޮންނަނީ އަންނަ ހޮނިހިރު ދުވަހު ކަމަށްވުމުން، ހައިކޮމިޝަންގެ އެހީތެރިކަމާއެކު މިއަދު މެލޭޝިއާއިން ރާއްޖެއަށް ދަތުރުކުރި އެހެން އެއާލައިނެއްގެ ފްލައިޓަކުން އޭނާއަށް ޖާގަ ހޯދައިދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މައުލޫމާތު ލިބޭގޮތުގައި އަބްދުﷲ މުޙައްމަދު މިހާރުވަނީ ރާއްޖެ އައުމަށް ފުރާފަ،" މިނިސްޓްރީން ބުންޏެވެ.

މެލޭޝިއާގެ އިމިގްރޭޝަނުން އަބްދުﷲ ހިފެހެއްޓީ ކޮން ސަބަބަކާ ހެދި ކަމެއް ފޮރިން މިނިސްޓްރީން ހާމައެއްނުކުރެއެވެ.

އަބްދުﷲ ވަނީ މީގެ ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

comment ކޮމެންޓް