އޭދަފުށީގައި އެމްއައިބީގެ ސާވިސް ސެންޓަރެއް ހުޅުވައިފި

އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސާވިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު--

ބ. އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސާވިސް ސެންޓަރެއް ހުޅުވައިފިއެވެ.

އޭދަފުށީގައި މި ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ފާތިހުއާއި، ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހެވެ.

އެމްއައިބީން ބުނީ މި ސެންޓަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްދޭ ސެންޓަރެއް ކަމަށެވެ. ފައިސާ ޖަމާކުރާ ކައުންޓަރެއް ނެތް ނަމަވެސް، ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް 24 ގަޑިއިރު މި ސެންޓަރުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެކައުންޓު ހުޅުވުމުގެ ޚިދުމަތް ދެނީ އޮންލައިންކޮށް ކަމަށާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތްވެސް އަމިއްލައަށް ރެޖިސްޓާ ކޮށްލެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި މީގެ އިތުރުން އެކި ޚިދުމަތްތަކަށް މުވައްޒަފުންގެ އެހީ ހޯދޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީން ބުނީ ފައިނޭންސިންގެ ޚިދުމަތެއް ހޯދުމަށް ދެން އެ ސަރަހައްދުގެ ރައްޔިތުން މާލެ އަންނަން ނުޖެހޭނެ ކަމަށެވެ.

އެމްއައިބީއިން ބުނީ މިއީ އެ ބޭންކުގެ އާ ތަސައްވަރު ކަމަށެވެ. އަދި މިފަދަ ޒަމާނީ ބްރާންޗްތައް ވަރަށް އަވަހަށް އދ. މަހިބަދޫ އަދި ލ. ގަމުގައި ހުޅުވާނެކަމަށް ވެސް އެ ބޭންކުން ބުނެއެވެ. ކުރިއަށް އޮތް އަހަރު ވެސް މިފަދަ ޒަމާނީ ބްރާންޗްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވުމުގެ މަސައްކަތް އެ ބޭންކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް