ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް ލިބިފައިވާ 2.1 މިލިއަން ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމާއަތުން ފަށައިފިއެވެ.
ރެޑް ކްރެސެންޓުން ބުނީ އެ ފަންޑަށް ލިބިފައިވާ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ، އެއްވެސް މިންވަރެއް އެ ޖަމާއަތަށް ނުނަގާ ކަމަށެވެ.
ރެޑް ކްރެސެންޓުން ނެރުނު ބަޔާނުގައި ބުނީ މި ފަންޑަކީ މިދިޔަ މަހުގެ 14 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލި ފަންޑެއް ކަމަށެވެ.
އެކަމަކު އެކި ފަރާތްތަކުގެ އެދުމުގެ މަތިން މި މުއްދަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރެޑް ކްރެސެންޓު ޖަމިއްޔާއިން ވަނީ ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދިފައި ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުންޏެވެ. އެހެންކަމުން ހޮނިހިރު ދުވަހާ ހަމައަށް ލިބިފައިވާ ފައިސާ ފޯރުކޮށް ދިނުމުގެ މަސައްކަތް ފެށީ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ހަމައެއާއެކު ފަންޑަށް ލިބުނު ފައިސާ ހަވާލު ކުރެވޭކަން ކަށަވަރު ކޮށްދިނުމަށްޓަކައި ފަަލަސްތީނު ރެޑް ކްރެސެންޓު މެދުވެރިކޮށް ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ފޮރުކޮށްދެވޭ އެހީތަކުގެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރަމުންދާނެ ކަމަށް އެ ޖަމާއަތުން ބުންޏެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ފަންޑަށް ބޭންކް އެފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކުރާނީ:
އެކައުންޓުގެ ނަން: Maldivian Red Crescent
ރުފިޔާ އެކައުންޓު ނަންބަރު:: 001-176022-7701
ޑޮލަރު އެކައުންޓު ނަންބަރު: 002-176022-7701
މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ޖަމާކުރާނީ:
އެކައުންޓުގެ ނަން: Maldivian Red Crescent
ރުފިޔާ އެކައުންޓު ނަންބަރު: 100-55500036-01-9901
ޑޮލަރު އެކައުންޓު ނަންބަރު: 200-55500036-9901
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދިމާވެފައިވާ އިންސާނީ ކާރިސާގައި ފަލަސްތީނުގެ ރެޑް ކްރެސެޓުން ވަނީ ބައިނަލްއަގްވަމީ ފާރާތްތަކާއި ރެޑް ކުރޮސް، ރެޑް ކްރެސެންޓުގެ ހަރަކާތުގެ އެންމެހާ ފަރާތްތަކުގެ އެހީއަށް އެދިފައެވެ.
އެ ހަމަލާތަކުގައި މިހާތަނަށް 8،700އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 22،200އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްފައެވެ.