އެފްއޭއެމުން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ފަސްލައްކަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑަށް ނުދައްކާ އޮތް ފަސް ލައްކަ ރުފިޔާގެ ދަރަނި އެއް އަހަރުގެ ދުވަހުގެ ތެރޭ ދައްކަން ސިވިލް ކޯޓުން އެފްއޭއެމަށް ހުކުމްކޮށްފިއެވެ.

ހުކުމުގައިވާ ގޮތުން އެފްއޭއެމުން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތީ 32،426 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 498،712 ރުފިޔާއެވެ.

ކޯޓުން ބުނީ އެފްއޭއެމާއި ބީހައިވް ހޮޓެލްސްއާ ދެމެދު ހިނގަމުން އައި މުއާމަލާތުގައި އެފްއޭއެމުން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަން، ދެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކުން ވެސް ހާމަވާކަމަށް ހުކުމުގައި ވެއެވެ.

ހުކުމްގައިވާ ގޮތުން އެފްއޭއެމުން އެ ދުނީ އެ އިދާރާގެ މާލީ ހާލަތު ދަށްވުމުން އެއް އަހަރު ދުވަހުން އެ ފައިސާ ދެއްކޭނެ ގޮތަށް ކޯޓުން ނިންމައިދިނުމަށެވެ.

އެހެންވެ، މި ފައިސާ ދައްކަން ކޯޓުން އެފްއޭއެމަށް އެންގީ 12 މަސް ދުވަހަށް އެ ފަސްލައްކަ ރުފިޔާ ބަހައިގެން މަހަކަށް ޖެހޭ އަދަދު، ނުވަތަ އެއަށްވުރެ މަދުނުވާނެހެން، ކޮންމެ މަހެއްގެ ވެސް 10ވަނަ ދުވަހުގެ ކުރިންނެވެ.

އެފްއޭއެމްގެ ވެރިންނަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. ޕްރޮސިކިއުޓާގެ އެންގުމަކަށް މިފަހުން ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވެސް ވަދެފައެވެ. ހިޔާނާތުގެ ތަހުގީގަށް އެ ތަނުން ބައެއް ތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އެފްއޭއެމުން އެ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން ބުނީ މިހާރު އެ އިދާރާއަށް މާލީގޮތުން އިންތިހާއަށް ދަތި ހާލަތަކާ ކުރިމަތިވެފައިވީ ނަމަވެސް، އެފްއޭއެމްގެ މުދަލާއި ފައިސާއަށް އެ އިދާރާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ޚިޔާނާތްތެރިވެފައި ނުވާ ކަމަށެވެ.

އެފަދަ އަމަލެއް ހިންގާފައިވާ ކަމަށް ކުރެވޭ އެންމެހާ ތުހުމަތުތަކާ އެ އިދާރާގެ މެނޭޖްމަންޓުން، ފުޓުބޯޅައިގެ ހައްގުގައި ކެރިގެން ކުރިމަތިލާނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ބޭރުން އެއްވެސް އަމަލެއް ވެސް މުއާމަލާތެއް ވެސް އެފްއޭއެމްގެ ފަރާތުން ކޮށްފައިނުވާނެކަން އެ އިދާރާގެ މެންބަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ސާބިތުކޮށްދިނުމުގައި ފަަހަތަށް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް