ވޯލްޑް ކަޕް 2034 ސައުދީގައި

ވޯލްޑް ކަޕް ޓްރޮފީ -- ފޮޓޯ/ ގެޓީ

ވޯލްޑް ކަޕް 2034 ބޭއްވުމުގެ ފުރުސަތު ސައުދީ އަރަބިއާއަށް ލިބިއްޖެއެވެ.

ވޯލްޑް ކަޕް 2034 ބޭއްވުމުގެ ފުރުސަތު ފީފާއިން ހުޅުވާލާފައިވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަދި އޯޝޭނިއާ ފުޓްބޯލް ކޮންފެޑެރޭޝަން (އޯއެފްސީ)ގެ މެންބަރު ގައުމުތަކަށެވެ.

ވޯލްޑް ކަޕް 2034 ބޭއްވުމަށް ސައުދީ އަރަބިއާގެ އިތުރުން އޮސްޓްރޭލިއާއިން ވެސް ބިޑުކުރިއެވެ. ނަމަވެސް ފީފާއިން ހުޅުވާލި މުއްދަތު ހަމަވާން ގާތްވެފައި ވަނިކޮށް، އޮސްޓްރޭލިއާއިން ވަނީ ބިޑު އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން ވާދަވެރިއެއް ނެތި ސައުދީއަށް ވަނީ ވޯލްޑް ކަޕް 2034 ބޭއްވުމުގެ ފުރުސަތު ލިބިފައެވެ.

"މި ފެޑެރޭޝަނުން ވޯލްޑް ކަޕް 2034އަށް ކުރި ބިޑު ވާނީ އަނބުރާ ނަގާފައި. މި ފެޑެރޭޝަނުން ގަބޫލުކުރަނީ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެނުން ކުޅުންތެރިންގެ މުބާރާތް ކަމަށްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް 2026 ގައި ބޭއްވުމުގެ ފުރުސަތާއި ފީފާ ކްލަބު ވޯލްޑް ކަޕް 2029 ބޭއްވުމުގެ ފުރުސަތު ލިބޭނެ ކަމަށް،" ވޯލްޑް ކަޕް 2034 އަށް ކުރި ބިޑު އަނބުރާ ނެގިކަން އިއުލާންކުރުމަށް އޮސްޓްރޭލިއާ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސައުދީގައި ވޯލްޑް ކަޕް ބޭއްވުމަށް ކުރި މަސައްކަތް ކާމިޔާބުވެފައިވަނީ ގިނަ މަސައްކަތްތަކަކާ އެކުއެވެ. އެގޮތުން ސައުދީން ދަނީ ކްލަބު ފުޓުބޯޅަ ވަރުގަދަކޮށް، ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ވެސް ގިނަ ހަރަދުތަކެއް ކުރަމުންނެވެ. މިހާރު އެގައުމުގެ ލީގުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅެއެވެ.

ސައުދީގައި ބާއްވާ ވޯލްޑް ކަޕްގެ ކުރިން 2030ގެ ވޯލްޑް ކަޕް ކުރިއަށްދާނެއެވެ. އެ ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވަނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައެވެ. އޭގެ އިތުރުން މުބާރާތް ބާއްވަން ފެށިތާ ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ވޯލްޑް ކަޕް 2030ގެ ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ. ގަރުނެއް ފާހަގަކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ފުރަތަމަ ވޯލްޑް ކަޕް ބޭއްވި އުރުގުއާއީގެ ވެރިކަން ކުރާ ސިޓީ، މޮންޓެވީޑިއޯގައެވެ.

comment ކޮމެންޓް