ޗައިނާ މީހާ ފުރުވާލަދިނުމަށް އިމިގްރޭޝަނުން މިނިސްޓްރީގައި އެދެފި

ޓޫރިސްތް ވީޒާ ހަމަވުމުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ޗައިނާ މީހާ--

ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުންވެސް ރާއްޖެއިން ފުރައިފައި ނުވާ ޗައިނާ މީހާ، ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ފޮރިން މިނިސްޓްރީގައި މިހާރު އެދިފައިވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން މިއަދު ބުނެފިއެވެ.

މި ކަމާ ގުޅިގެން މިއަދު އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ޓޫރިސްޓް ފުލުހުން އެ ބިދޭސީ މީހާ އިމިގްރޭޝަންއާ ހަވާލުކޮށްފައިވަނީ އޭނާ އެއާޕޯޓުގެ ވެއިޓިން އޭރިއާގައި ހުންނަ ގޮނޑިބަރީގައި ނިދާ، އެތަން ބޭނުން ކުރާ ފާރާތްތަކަށް އުނދަގުވާފަދަ ގޮތަކަށް އޭނާގެ އަމަލުތައް ހުރިކަން ފާހަގަ ކުރެވިގެން ކަމަށެވެ. އޭނާ ހަމަ އެ ދުވަހު އެނބުރި ގައުމަށް ދިއުމަށް ޗެކިންވެ، އިމިގްރޭޝަން ކްލިއަރެންސް ވެސް ނިމުނު ފަހުން، ފްލައިޓަށް އެރުމަށް ދެކޮޅުހަދާ، ފްލައިޓުން އޮފްލޯޑު ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.

https://sun.mv/183709

އެހެން ނަމަވެސް އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ، ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރުމަށް އޭނާާއަށް އަންގައިފައި ވާނެ ކަމަށްވެސް އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް މި ބިދޭސީ މީހާގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައި ނުވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންވެ ޗައިނާ އެމްބަސީގެ އެހީއާއެކު، އޭނާގެ އާއިލާއާ ގުޅިގެން އޭނާ ފުރުވާލުމުގެ އިންތިޒާމުތަށް ހަމަޖައްސައިދިނުމަށް މިނިސްޓްރީގައި އެދުނީ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިހާރު އޭނާ ފުރުވާލުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، އޭނާގެ އަމަލުތައް އާންމުންނަށް އުނދަގުވާގޮތަށް ހުރުމުގެ ސަބަބުން އިއްޔެއިން ފެށިގެން އޭނާ ފުރުވާލުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އޭނާ ބެހެއްޓުމަށް މިހާރު ނިންމައިފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ މީހާ ޕޮލިސް ސްޓޭޝަންގައި ނިދާ އުޅޭ މައްސަލައެއްވެސް މި ފަހުން ފެންމަތިވިއެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް