އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭގައި އުޅޭ ބިދޭސީއެއް ހަވާލުކުރުމުން، އެ މީހާ ޕޮލިސް ސްޓޭޝަނުގައި އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އައި ޕޯސްޓެއްގައި ވާގޮތުން އެ މީހާ އުޅެމުން އަންނަނީ މާފަންނު ވިލީ ޕޮލިސް ސްޓޭޝަނުގައެވެ. އެ ޕޯސްޓުގައިވާ ގޮތުން ނަމަ އެ މީހާރު އެ ތަނުގައި އުޅޭތާ ހަ ދުވަސް ވެއްޖެއެވެ.
މި ކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިދޭސީ މީހާއަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއް ނޫން ކަމަށެވެ.
ނަމަވެސް އެ މީހާ އެގޮތަށް ޕޮލިސް ސްޓޭޝަނުގައި ދިރިއުޅޭތީ އޭނާއަށް ތަކުރާރުކޮށް ނަސޭހަތްދީ އެގޮތަށް އަމަލުނުކުރުމަށް އެންގީ ކަމަށް ބުންޏެވެ.
"އެ މީހާއަކީ އޮކްޓޯބަރު 19ވަަނަ ދުވަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ މީހެއް، އެ މީހާ އެއީ ފުލުހުންގެ ބަންދެއްގައި ނުވަތަ ބެލުމުގެ ދަށުގައި ހުރި މީހެއް ނޫން،" ފުލުހުންގެ މީޑިއާ އޮފިޝަލް ބުންޏެވެ.
އެ އަންހެން މީހާއަކީ މިދިޔަ ހަފުތާ ތެރޭގައި އެއާޕޯޓުގައި ހަމަނުޖެހުން ހިންގައިގެން އިމިގްރޭޝަނާ ހަވާލު ކުރި ޗައިނާ މީހެކެވެ.
މި ކަމާ ގުޅިގެން އިމިގްރޭޝަނުން "ސަން"އަށް ބުނި ގޮތުގައި އެ މައްސަލައިގައި ފުލުހުން އޭނާ އިމިގްރޭޝަނާ ހަވާލުކުރިއެވެ.
ނަމަވެސް އިމިގްރޭޝަންގައި އަންހެނުން ބަލަހައްޓަން ބައިތިއްބާ ތަނެއް ނުހުންނާތީ އޭނާ ދޫކޮށްލީ ސާވައިލަންސް އުސޫލުން ކަމަށް ބުންޏެވެ. އަދި މިހާރު ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީއާ ގުޅިގެން އޭނާ ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
އެ އަންހެން މީހާ އިމިގްރޭޝަނާ ހަވާލު ކުރީ އެއާޕޯޓުގައި ހަމަނުޖެހުން ހިންގާ، ކުޅުޖެހުން ފަދަ ކަންކަން ކުރުމުންނެވެ.