އަންކަރާ (31 އޮކްޓޯބަރު 2023) : ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހުޅަނގުން ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތެއް ކަމަށާއި އެކަން ގަބޫލު ނުކުރެވޭނެކަން ތުރުކީން ޔޫރަޕްގެ ގައުމުތަކަށް އަންގައިފިއެވެ.
ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް ޔޫރަޕްގެ ގައުމުތަކުގައި ބާއްވާ މުޒާހަރާތަކާއި އެއްވުންތަކަށް އެ ގައުމުތަކުން ހުރަސްއަޅާ މައްސަލާގައި ތުރުކީގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާ އަންކަރާގައި ބައްދަލުކުރައްވައި ވިދާޅުވީ ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ނަމުގައި ޔޫރަޕްގެ ގައުމުތަކުން ގެންގުޅެނީ ދެފުށްދެގޮތް މިންގަނޑެއް ކަމުގައެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ގުރުއާނަށް އެންދުމާއި ކީރިތީ ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކުޖެހުން ޔޫރަޕްގެ ގައުމުތަކުން ހުއްދަކުރާއިރު ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް މުޒާހަރާކުރުމަށް ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ހުރަސް އަޅަމުންނެވެ.
ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރުން މަނާކުރާނެކަން ރަސްމީ ގޮތުން ހާމަކުރި ސަރުކާރުތަކުގެ ތެރޭގައި އިނގިރޭސި ސަރުކާރާއި ފަރަންސޭސި ސަރުކާރާއި ޖަރުމަނުގެ ސަރުކާރު ފަދަ ޔޫރަޕްގެ އެތައް ސަރުކާރެއް ހިމެނެއެވެ. ނަމަވެސް ފަރަންސޭސި ވިލާތުން ވަނީ އެ ގައުމުގެ ބައެއް ނޫސްތަކުން ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކު ޖެހުމުގެ ގޮތުން ކާޓޫނު ކުރެހުމުން އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ސިފަކޮށް އެކަން މަނާކުރުމަށް ދެކޮޅު ހަދާފައެވެ.
ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް އިނގިރޭސިވިލާތުގައާއި ފަރަންސޭސިވިލާތުގައާއި ޖަރުމަނުގައި ސުލްހަވެރިކޮށް މުޒާހަރާ ކުރުމުން އެގައުމުތަކުގެ ފުލުހުން ވަނީ އެކަމަށް ހުރަސްއެޅުމުގެ އިތުރުން އެ މުޒާހަރާތަކުގައި ބައިވެރިވި އެތައް ބަޔަކު ހައްޔަރުކޮށް ލަޓިބުރިންނާއި ކަރުނަގޭސް ފަދަ ތަކެތި ބޭނުންކޮށްގެން މުޒާހަރާތަކުގެ ބައިވެރިންނަށް ހަމަލާދީ އަނިޔާވެރި އަމަލުތައް ހިންގާފައެވެ.
ނަމަވެސް ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް އިސްރާއީލުގެ ގަތުލުއާންމުތައް ކުށްވެރިކުރުމަށް ނުކުތް މީހުންގެ އަދަދު ލައްކައިން ގުނާލެވޭތީ އިނގިރޭސިވިލާތާއި ޖަރުމަނާ އަދި ފަރަންސޭސިވިލާތުގެ ސަރުކާރުތައް ވަނީ އެ މުޒާހަރާތައް ހުއްޓުވުމުގައި މުޅިން ނާކާމިޔާބުވެފައެވެ.
އަނެއްކޮޅުން ރަޝިއާ ޔުކްރެއިންއަށް ދޭ ހަމަލާތަކުގައި އާންމުން މަރުވާކަމަށް ބުނެ ރަޝިއާއަށް ފާޑުކިޔާ ޔޫރަޕްގެ ލީޑަރުން ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށް ހަމަލާދީ އާންމުންގެ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކު މަރަމުން ގެންދާއިރު އެކަން ކުށްވެރި ކުރުމުގެ ބަދަލުގައި އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ މި ޖަރީމާތަކާއި ގަތުލުއާންމުތަކަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވާފައެވެ.