ބީއެމްއެލްގެ ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހޮނިހިރުގައި ހަމަވަނީ

ބީއެމްއެލްއިން ފަންޑު ކުރާގޮތަށް ފުރުސަތު ހުޅުވާލި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ މި ސްކޮލާޝިޕް ފަންޑުގެ މައިގަނޑު އަމާޒަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާއިން ހުނަރުވެރި ޒުވާނުންތަކެއް ބިނާ ކުރުން ކަމަށެވެ. އަދި މި ފަންޑުގެ އެހީގައި ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ ތިން ދަރިވަރަކަށް ބޭންކިން އެންޑް ފައިނޭންސްގެ ދާއިރާއިން، އެކައުންޓިން، ފައިނޭންޝިއަލް ޓެކްނޮލޮޖީ، ފައިނޭންޝިއަލް އިންޖިނިއަރިން، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝިއަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ފަދަ ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ މި ފަންޑަށް ހުށަހެޅޭނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެހިންގެ ތެރެއިން އޭލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ދަރިވަރުންނަށް ކަމަށެވެ.

އަދި މި ފަންޑުގެ ދަށުން ޓިއުޝަން ފީ އާއި، މަހުން މަހަށް ދޭ ސްޓައިޕެންޑްތަކާއި، ވިސާގެ ފީއާއި، ފޮތް ގަތުމުގެ ހަރަދުތަކާއި އެސްޓެބްލިޝްމެންޓް އެލްވަންސްގެ އިތުރުން ޓިކެޓް ޚަރަދުތައްވެސް ދަރިވަރުންނަށް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ސްކޮލާޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު އަދި ބޭނުންވާ އިތުރު ލިޔެކިޔުންތައް [email protected] އަށް މިއަންނަ ހޮނިހިރުދުވަހުގެ ކުރިން ފޮނުވުމަށް ބީއެމްއެލުން ވަނީ އެދިފައެވެ.

comment ކޮމެންޓް